

.jpeg?w=3840&q=75)




.jpg?w=3840&q=75)

ރުކުގެ އާއިލާގެ ގަސްތަކަށް ގެއްލުންދޭ "ރެޑް ޕާމް ވީވިލް" (ރަތްމަޑި) އައްޑޫ އަތޮޅުގެ ބައެއް ރަށްރަށުން ފެނިފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
ރެޑް ޕާމް ވީވިލް ނުވަތަ ރަތްމަޑި އަކީ ރުކާއި، ކަދުރު ރުކާއި އަދި ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ ގަސްތަކަށް ގެއްލުންދޭ ނުރައްކާތެރި މަޑިއެއް ކަމަށް ވުޒާރާއިން ފާހަގަކުރި އެވެ.
މި މަޑީގެ ފަނިީގެ މަރުހަލާގައި (ލާވާ) ރުކުގެ ކަނދު ތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށާ ކަމަށް ވުޒާރާ އިން ބުންޏެވެ. ނަމަވެސް ކަނދުގެ އެތެރެއަށް މަޑީގެ ފަނި ދޭ ގެއްލުން ބޭރަށް ފެންނަން ނުހުންނާތީ މަޑި ރުކަށް ގެއްލުންދޭކަން ފާހަގަ ކުރެވެނީ، ރުކުގައި ވަރަށް ބޮޑަށް މަޑި އަށަގަންނަ ފަހުން ކަމަށްވާތީ، މި މަޑީގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ އަދި ފަހުގެ މަރުހަލާއެއްގައި ރުއް މަރުވެ އެވެ.ވުޒާރާއިން ބުނީ ރުކުގައި ބޭނުން ކުރުމަށް އިންސެކްޓިސައިޑެއް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މަޑި ކޮންޓްރޯލް ކުރުމަށް އިތުރު ދެމެހެއްޓެނިވި ފިޔަވަޅުތައް އެޅުމަށް ޕެރޮމޯން ޓްރެޕްސް ބޭނުން ކުރުމަށް ވާންޖެހޭ ތައްޔާރިތައް ކުރަމުންދާ ކަމަށެވެ. ވީމާ، މި މަޑި ފެތުރުން ހުއްޓުވުމަށް އަވަހަށް މަޑިއުޅޭ ރުއްތައް ދެނެގަތުމާއި، ގަވާއިދުން މަޑިން ދޭ ގެއްލުން ދެނެގަތުމަށް ރުއްތައް ބަލައި ފާސްކުރުމުގެ އިތުރުން އަވަސް މުއްދަތެއްގެ ތެރޭގައި މިމަޑި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެ ވުޒާރާއިން ބުންޏެވެ.މި މަޑި އައްޑުއަތޮޅުން ފެނުމާއި ގުޅިގެން ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އައްޑުއަތޮޅުން މިވަގުތު ރުއް ބޭރުކުރުން މަނާކޮށްފި އެވެ. އަދި މަޑި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވުޒާރާއިން ބުންޏެވެ.ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިހާރު އައްޑު އަތޮޅުން މަޑި އުޅޭ ރަށްރަށުގެ ސަބަބުން ރުއްތަކަށް ދިމާވެދާނެ ނުރައްކާތެރި ކަމަށް ބަލައި، މިމަޑި ރާއްޖޭގެ އެހެން ރަށްތަކަށް ފެތުރުން ހުއްޓުވުމަށް އެކަން އާންމުންގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށެވެ. އަދި މި މަޑި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެ ވުޒާރާއިން ވަނީ އެދިފަ އެވެ.


.jpeg?w=3840&q=75)





