

.jpg?w=3840&q=75)





މާލޭގައި ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މާ ލަސްތަކެއް ނުވެ ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "އަހާ" ފޯރަމުގައި ޤައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަޙްމަދު ސައިފް ނައީމް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ފޯރަމުގައި ސައިފް ވަނީ ޤައުމީ ޓީމު ހިމެނޭހެން ހޭންޑްބޯޅަ ކުޅުންތެރިން ތަމްރީނުތަކާއި މުބާރާތްތައް ކުރިއަށް ގެންދަންޖެހެނީ އެހެން ކުޅިވަރުތަކަށް ޚާއްޞަކުރެވިފައިވާ ދަނޑުތަކުގައިކަން ފާހަގަކޮށް، އެކަށީގެންވާ ވަގުތު ތަމްރީނުތަކަށް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ހޭންޑްބޯޅަ ކޯޓުތަކެއް އަޅައިދެވިދާނެތޯ އޭނާ ވަޒީރާ ސުވާލުކުރިއެވެ.
ސައިފްގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މީގެ ދެ އަހަރު ކުރިން އެތުލީޓްސް ފޯރަމުގައި ވެސް މާލޭގެ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރެވޭނީ ކޮން އިރަކުންތޯ ސުވާލު އަމާޒުވި ކަމަށެވެ. އަދި މިހާރު އެ ކޯޓު އިންޑޯ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މާ ލަސްތަކެއް ނުވެ އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިންޑޯއަކަށް ބަދަލުކުރީމާ ވަރަށް ބައިވަރު އެޑްވާންޓޭޖް އަޅުގަނޑުމެންނަށް އެބަލިބޭ. އަޅުގަނޑުމެން ޕްލޭންކުރީ މިދިޔަ އަހަރު އެ މަސައްކަތް ނިންމާލަން. ނަމަވެސް ދިމާވި ބައެއް މައްސަލަތަކާހެދި ލަސްވެގެންދިޔައީ. އެކަމަކު އިރާދަކުރެއްވިޔާ މިހާރު އެތާނގެ ފްރޭމްވޯކް އެއްކޮށް އެނިމެނީ. އެތަނުގެ ސާފޭސްއަށް ބޭނުންވާ ޕޭމަންޓުވެސް ހަދައި ނިންމައިފިން. އެހެންވީމަ އުއްމީދުކުރަނީ އެތަން ވަރަށް އަވަހަށް ނިމިގެންދާނެކަމަށް." ވަޒީރު ވިދާޅުވިއެވެ.
އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިމުމުން ކޯޓު ލިބުމުގައި ދިމާވާ ދަތިތަކަށް ބޮޑު ޙައްލެއް ލިބޭނެކަން ފާހަގަކުރައްވައި ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއެކު ހޭންޑްބޯޅަ ހިމެނޭހެން ގިނަ ކުޅިވަރުތަކަކަށް ދަނޑު ނުވަތަ ޕިޗު ލިބުމުގައި ދިމާވާ މައްސަލަތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ތަންތަން ފަރުމާކުރާނީ ސްޓޭންޑަޑް ސައިޒަށް ހޭންޑްބޯޅަ ވެސް ކުޅެވޭ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތް ހަމައެކަނި އިންޑޯ ކޯޓަކީ މާލެ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓެވެ. ނަމަވެސް އެކަން ބަދަލުކުރުމަށްޓަކައި މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 27 އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގެ ހުޅުމާލެ ފޭސް 2 އަދި ވިލިމާލޭގައި ވެސް އިންޑޯ ކޯޓުތައް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.


.jpg?w=3840&q=75)

