







ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކުރި އިބްރާހިމް ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފިއެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއީ މަޝްރޫއުތައް އަވަސްކޮށް، ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަމަށްވެސް ރައީސް ފާހަގަކުރައްވާފައި ވެއެވެ.
މިހާރުވެސް އާރްޑީސީން ހިންގަމުންދިޔަ މަގުހެދުމުގެ މަޝްރޫއުތަކާއި ސިއްހީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދަނީ އެމްޓީސީސީއަށް ބަދަލުކުރަމުންނެވެ.
ދެ ކުންފުނި މާރޖް ކުރުމުގެ ތެރެއިން އާރްޑީސީގެ 4000 ވަރަކަށް މުވައްޒަފުން އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދާނެއެވެ.




