







ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ ދައުރު އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ދައުރު އިތުރުކުރުމަށް ނިންމާފައިވަނީ ނޮވެމްބަރ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ދައުރު ދިގުދަންމާލުމަށް ފެންނަކަމަށް 42 މެންބަރުން ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ.
މި ނިންމުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން އަހަރުގެ ފަހު ދައުރު ނިމެންޖެހޭނީ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް މި ދައުރުގެ ތެރޭގައި ކޮންމެހެން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް އަދިވެސް ނުނިމި ހުރުމުން، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނީކަމަށް ވިދާޅުވިއެވެ.
މަޖިލީހުގައި މިވަގުތު ނުނިމި ހުރި މުހިންމު ބިލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭ ބިލާއި، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފަދަ މުހިންމު ޤާނޫނީ މަސައްކަތްތައް ހިމެނެއެވެ.
މީގެ ކުރިންވެސް މަޖިލީހުގައި މުހިންމު މަސައްކަތްތައް ނުނިމި ހުންނަ ހާލަތްތަކުގައި ދައުރުގެ މުއްދަތު ދިގުދަންމާލައެވެ. އެގޮތުން، ހިނގަމުންމިދާ އަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ މަސައްކަތްތައްވެސް ނިންމާލާފައިވަނީ ދައުރުގެ މުއްދަތު އިތުރުކޮށްގެންނެވެ.




