




.jpeg?w=3840&q=75)


ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރެވޭ ގޮތަށް އެކުލަވައިލާފައިވާ ބިލާއި، އަބުރާ ބެހުމުގެ ބަދަލުގެ ގޮތުގައި 5 ލައްކަ ރުފިޔާއާ ހަމައަށް ނަގައިދެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި 'މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމުގެ ބިލު' މަޖިލީހަށް ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކޮށް، މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އެ އަދަބު އަމަލީގޮތުން ތަންފީޒުކުރާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދަންޖައްސައިގެންނެވެ. އަދި އާންމުކޮށް ފެންނަ ތަންތަނުގައި އެ އަދަބު ތަންފީޒުކުރުން މަނާކޮށްފައިވާއިރު، އަދަބު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ޕެނަލަކުންނެވެ. މި ޕެނަލް އެކުލަވައިލާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ތަންފީޒުކުރާނެ ތާރީޚާއި ވަގުތު ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ވާރިސުން އެއްބަސްވުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުން ފަދަ މުހިންމު ޝަރުތުތަކެއްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މި މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި 'ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު' މަޖިލީހަށް ބަލައިގަތީ 44 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިނުގަތުމަށް އިދިކޮޅު އެމްޑީޕީގެ 4 މެންބަރަކު ވޯޓު ދެއްވި އިރު، އެ ޕާޓީގެ 7 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އަބުރުގެ ބިލުގެ މައިގަނޑު މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަކަން ގާއިމުކުރުމާއި، އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައެޅުމެވެ. އެ ބިލުގައިވާ ގޮތުން އިންޓަނެޓާއި، ސޯޝަލް މީޑިއާ، ވެބްސައިޓް އަދި އޮންލައިން ނޫސްތައް މެދުވެރިކޮށް އަބުރާ ބެހުމަކީ މަނާ ކަމެކެވެ. އަދި އަބުރާ ބެހުމުގެ ސަބަބުން ލިބޭ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ޝަރީއަތް މެދުވެރިކޮށް ނަގައިދެވޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.






.jpeg?w=3840&q=75)
