







ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާ އަށް މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް، 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރު ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާޚާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގިފައިވާކަމަށާއި އަދި އެއަށްފަހު އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައިކަަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.







.jpeg?w=3840&q=75)
