







ދަ ގްރާންޑޭ އާއި އެމްއެސް މޭޓްސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަ ގްރާންޑޭ ބަލިކޮށް މޯލްޑިވްސް ސޮކާ މޭޓްސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ލީގުގައި އެމްއެސް މޭޓްސް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން އެޓީމު ބަލިވީ ވެސް 9-0 ގެ ނަތީޖާއަކުންނެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ އެމްއެސް މޭޓްސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އެމްއެސް މޭޓްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެމްއެސް މޭޓްސްގެ ނަޔަމާ ސިސިލިއާ އަދި ރާނިޔާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އެކޯން އެރިކާ އަދި އައިޝަތު ޝަހާ ޝަރީފް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެމްއެސް މޭޓްސް އިން ކާމިޔާބުކުރި އަނެއް ލަނޑަކީ ދަ ގްރާންޑޭގެ ފާތުމަތު ނަހްމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެސް މޭޓްސްގެ ނަޔަމާ ސިސިލިއާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން އެމްއެސް މޭޓްސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ދަ ގްރާންޑޭ އިން ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.








