







President Dr Muizzu addressing in the World Government Summit 2024
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ރައްކާތެރި ހިޔާތައް ދަނީ ބިނާކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.
އެ ޚިތާބުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވައި، އެފަދަ އަނިޔާތަކުން ރައްކާތެރިކަން ހޯދައިދިނުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން މި އަހަރުގެ ޝިޢާރު ކަމުގައިވާ، "ޔުނައިޓް ޓު އެންޑް ވައިލެންސް އެގެއިންސްޓް ވިމެން އެންޑް ގާރލްސް: އެންޝުއަރ ޖަސްޓިސް، ޕްރޮޓެކްޓް ސަރވައިވަރސް އެންޑް އިމްޕިޔުނިޓީ" (އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން އެންމެން އެކީގައި: އިންސާފު ކަށަވަރުކޮށް، އަނިޔާ ލިބޭ މީހުން ހިމާޔަތްކޮށް، ކުށްވެރިންނަށް ހައްޤު އަދަބު ދިނުން) ގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ގާނޫނާއި، ޖިންސީގޯނާ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން، ގާނޫނުލްޢުޤޫބާތުގެ ދަށުން މިކަންކަން ކަށަވަރުކުރުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމުގައެވެ. އަދި މި ޤާނޫނީ ރައްކާތެރިކަމަކީ، ޙަޤީޤީ މާނައިގައި އަނިޔާ ލިބޭ ކޮންމެ ފަރާތަކަށް ލިބޭ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ހަރުދަނާ އުސޫލުތައް އެކުލަވާލުމާއި، ހިޔާވަހިކަމެއް ނެތި އެއްވެސް އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ނުބެހެއްޓުމަށްޓަކައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ރައްކާތެރި ހިޔާތައް ބިނާކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އިޙްތިރާމާއި ޢަދުލުވެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅޭކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނާއި، ތަޙުޤީޤީ އިދާރާތަކާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.







