

.jpeg?w=3840&q=75)






އެމްއެސް މޭޓްސް އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެމްއޭއެމް ވިމެންސް ލީގު 2026 ގައި މިރޭ ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން އެމްެއެސް މޭޓްސް ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުޅުނު މެޗުގައި 15-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަ ގްރާންޑޭ ބަލިކޮށްފައިވާއިރު، އެމްއެސް މޭޓްސް ގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން އެޓީމު ބަލިވީ 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ހޭންވޭރު ދަނޑުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ނިއުރޭޑިންޓް ސްޕޯޓްސް ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަސުރާ ޕަރްވީން އެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސުމައްޔާ އެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެމްއެސް މޭޓްސްގެ ފަރާތުން ރޭވުން ތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ނިއުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މައިޝާ އަބްދުލް ހަންނާން އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔުބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޝަބީނާ ކަތުން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއަންޓް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އެމްއެސް މޭޓްސް އިން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ލަނޑުގެ ތަފާތުން މިވަގުތު އެޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.






.jpeg?w=3840&q=75)

