







މާޒިޔާ އާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މާޒިއާ ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ ކުރީގައި ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
ލީގުގައި ނިއުރޭޑިއަންޓް އެންމެ ފަހުން ކުޅުނު މެޗުގައި އެމްއެސް މޭޓް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަ ގްރާންޑޭ ބަލިކޮށްފައެވެ.
ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެެވެ. އަދި ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެެވެ.
އެގޮތުން މިމެޗުގައި ނިއުރޭޑިއަންޓްގެ ޝަބީނާ ކަތުން އަދި މަރިޔަމް ނޫރާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސުމައްޔާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި މާޒިޔާ އިން ލީގުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.








