






ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މިއީ ދިވެހި މީޑިއާތައް ބާރުވެރިކުރުވައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުއެޅުމުގެ ގޮތުން، 2026 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މިއީ ރާއްޖޭގައި ގާނޫނީ ގޮތުން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އަމިއްލަ ނޫސް މަޖައްލާތަކަށާއި، ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ އަމިއްލަ މީޑިއާތަކަށް އޮތް ފުރުސަތެއް ކަމަށާއި މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް، މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
ފައިސާގެ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 3 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ކަމަށާއި އެއަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯޒަލެއް ބަލައިނުގަންނާނެކަމަށް އެމްއެމްބީސީ އިން ބުނެއެވެ.
މި އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށެވެ. އެގޮތުން، ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ "ވަންގަވް" ޕޯޓަލްގެ ތެރޭގައި ހިމެނޭ "މީޑިއާއެޕް" މެދުވެރިކޮށެވެ. އެހެންކަމުން، މި އެހީއަށް ކުރިމަތިލާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ.ކޮމިޝަނުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މީޑިއާތަކަށް ފައިސާ ދޫކުރުމުގެ އެންމެހައި މަރުހަލާތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގައިވާ ގޮތުގެ މަތިންނެވެ. މި އުސޫލުގައި އެހީ ދޫކުރެވޭނެ ހަމަތަކާއި، ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނެ މިންގަނޑުތަކުގެ އިތުރުން މީޑިއާތަކުން ފުރިހަމަކުރަންޖެހޭ ޝަރުތުތައް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.







