








އިންސާފުވެރި މަސައްކަތު މާޙައުލެއް އޮތްކަން ޔަގީންކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑުގެ 14 ވަނަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ތަފާތު ކުރުންތަކާއި ކަމެއް ދިމާވުމުން، އިންސާފު ހޯދަން ގޮންޖެހުންތަކާއި ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އަދި ވަޒީފާގެ މާހައުލުގައި ހުންނަ ކަންބޮޑުވުންތަކަށް ވަޒީފާދޭ ފަރާއްތަކުން އިޖާބަ ނުދޭ ވާހަކަ ވެސް ޙިއްސާކޮށް ވަނީ ބައެއް ތަންތަނުގައި އެފަރާތްތަކުގެ ވެރިންނަށްސީދާ ތިބެނީ ނަރުހުން ނޫން ކަމަށް ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ނުރަނގަޅުކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމްކުރުމާއި ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ދެފުށް ފެންނަގޮތުގައި ޖަވާބު ދާރީވާނެ ގޮތްތަކެއް ބަލާދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ދިމާވާ އެކި ކަހަލަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުތަކެއް ވަނީ ހުށަހަޅާފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ސަރުކާރުން ވަނީ ނިންމަވާފައިކަން ވެސް ވިދާޅުވިއެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤައިމްކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.







