








ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް އޮފީހާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ވަނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި ރައީސް ބަންގުލަދޭޝްއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 13 އިން 16 ގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް ވަނީ މީގެ ކުރީން މިދިޔަ ފެބްރުއަރީ މަހު ވެސް ބަންގްލަދޭޝްއަށް ވަޑައިގެންފައެވެ. ރައީސްގެ އެ ދަތުރުފުޅަކީ ތާރިގު ރަހުމާން، ބަންގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އޭރުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގެ ތެރެއިން ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާނާ ވެސް ބައްދަލުކުރެއްވިއެވެ.
ރައީސް މުއިއްޒުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް އަންނަ މަހުގެ ހަތްވަނަ ދުވަހު ބަންގުލަދޭޝްއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާނެއެވެ. ރާއްޖެ އާއި މެލޭޝިއާ އަކީ ބަންގުލަދޭޝްގެ ގިނަ މަސައްކަތްތެރީންތަކެއް ދިރިއުޅޭ ދެ ގައުމެވެ.







