




.jpg?w=3840&q=75)
.png?w=3840&q=75)

މިއަދު އައު ކުރަންވީ މުއްސަނދިވެފައިވާ ރާއްޖެއެއް މާދަމާ ދުށުމުގެ އުންމީދީ ޝުޢޫރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ކުރިމަތީގައި ހުރި ދަތި އުނދަގޫ ކަންކަން ހައްލުކުރުމުގައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ޤައުމުގެ ކުރިމަގަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ދައުލަތުގެ ވެރިކަމާ މެދު ރައްޔިތުން ބަސް އިއްވި ދުވަސް ކަމަށާއި އެއީ ދިވެހީންގެ އިއްޔެއާއި، މިއަދާއި، މާދަމާގެ މުސްތަޤުބަލާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން އޮތް މުހިންމު ދުވަހެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ކުރީކޮޅު ޤައުމަށް ގެންނަން އުޅުނު މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއި މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އޭރު ކުރިމަތިވި ގޮންޖެހުންތަކަށް ވަނީ އިޝާރާތްކުރައްވާފައެވެ. އެގޮތުން، ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރާއި އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި އެކި ދާއިރާތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވީ، ދިވެހީންނަކީ އަމާންކަމާއި ފަހި ނިޢުމަތުގައި ލައްވާފައިވާ ނަސީބުވެރި ބައެއް ކަމަށެވެ. ރާއްޖޭގެ 4,000 އަހަރުވީ ތާރީޚަށް ބަލާއިރު، ވަރަށް ފަހަކާ ޖެހެންދެންވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއަކުން މިހާ ބޮޑު ސަރަޙައްދެއް އެތައް ހާސް އަހަރަކަށް މިނިވަންކަންމަތީ ދިފާޢުކޮށްފައި އޮތުމަކީ މާތް ﷲ ދެއްވި މަތިވެރި ނިޢުމަތެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު ދުނިޔޭގެ މީޑިއާތަކުން ފެންނަމުންދަނީ އަމިއްލަ މިނިވަން ބިމެއް ނެތުމުގެ ސަބަބުން އަނިޔާ ލިބެމުންދާ އެތައް މިލިއަން އިންސާނުންގެ ވޭނާއި ހިތްދަތިކަން ކަމަށާއި، އެ ޙާލަތާ އަޅާބަލާއިރު ދިވެހިން އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.






