








ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނާ އާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.
ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސެލްޓަވީގޯ އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އާއި ވާދަކޮށް ލަނޑެއް ނުޖެހި ދެޓީމު ވަނީ އެއްވަރުވެފައެެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބޭރްނަބާއޯގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ސެލްޓާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފައުލޯ ޑުރާންއެވެ. އަދި ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެޓީމުގެ ފޯވާޑް އެމްބާޕޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ ވަނީ ގޯލާއި އަމާޒުކުރެވޭގޮތްނުވެފައެވެ.
ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޖޫޑް ބެލިންހަމް އެވެ. އަދި މިއީ ރެއާލް މެޑްރިޑްގެ ޖާޒީގައި ކުޅުނު 100 މެޗުގައި ބެލިންހަމް ކާމިޔާބުކުރި 38 ވަނަ ލަނޑެވެ.
މިމެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކާލޯސް އެސްޕީއެވެ. އަދި ރެއާލް މެޑްރިޑުން މިމެޗުގައި ކާމިޔާބުކުރި ދެލަނޑުގައި ވެސް އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިމެޗުގައި ވިނީ ކުޅެން ނުކުމެފައިވަނީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން ރެއާލް މެޑްރިޑަށް 33 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް ބާސެލޯނާ އޮތީ 12 މެޗުން ހޯދި 33 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ. އަދި މިމެޗުން ބަލިވި ސެލްޓަވީގޯ އިން ލީގުގައި ކުޅުނު 13 މެޗުން ހޯދި 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.








