




.jpg?w=3840&q=75)
.jpeg?w=3840&q=75)

އެއާކާގޯއިން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވައިގެން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި އަތުލައިގަތް ދެމީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ / ވެށި، މުޙައްމަދު ޒިޔާދު (28އ) އަދި ސ. މަރަދޫފޭދޫ / ނިލަމެހިގެ، އިސްމާޢީލް ނަޞީރު (45އ) ކަމަށެވެ.
ފުލުހުން ބުނީ އެއާކާގޯއިން އެ މީހުން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށެވެ. އަދި ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލެއިން ކަމަށް ފުލުހުން ބުނި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.







