








އިންޓަ މިއާމީ އާއި ކޮލަމްބަސް ކުރޫ ވާދަކުރި މެޗުގެ ތެރެއިން...
އެމްއެލްއެސް ޕްލޭއޮފް ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކޮލަމްބަސް ކްރޫ އަތުން 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އިންޓަ މިއާމީ ބަލިވެއްޖެ އެވެ.
މިއާމީގެ އެންޔޫ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ކޮލަމްބަސް ކުރޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ގޮންޒާލޯ ޓަޕިއާ އެވެ.
އިންޓަ މިއާމީއަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ގޮންޒާލޯ ލުޖާންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މިއާއެކު މެޗުގެ ބާކީބައި އިންޓަ މިއާމީ އިން އެއް ކުޅުންތެރިއަކު މަދުކޮށް ފުރިހަމަކުރިއިރު، އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ހިމެނޭހެން ދެޓީމުގެ ފަސް ކުޅުންތެރިއަކަށް މިހާފުގައި ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
އިންޓަ މިއާމީ އިން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ދެވަނަ ހާފުގައި ކޮލަމްބަސް އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާކުރި ލަނޑު ތާހާ ހާބޯން ކާމިޔާބުކުރިއިރު، އޭގެ ހަ މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ގޮންޒާލޯ ޓަޕިއާ އެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގެ މެޗު ކޮލަމްބަސްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ހެނދުނު ރާއްޖެ ގަޑިން 6:00 ގައެވެ.








