







ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރި އަމުރާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ހުކުމް، މިއަދު އިއްވާނެއެވެ.
ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރަކާ އެކުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އެކަމުގައި މިހައިތަނަށް ހާމައެއް ނުކުރެއެވެ.
ބަންދުގެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށް ބާއްވައި ނިންމާލީ ވޭތުވެދިޔަ ހަފްތާގަ އެވެ. އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ކަމަށެވެ.
އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމަށް ހައި ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 13:15 ގައެވެ.