







ދުންފަތާއި ދުރުވުމަށް މިހާތަނަށް ސެޒޭޝަންގެ ފަރުވާ 709 މީހުން ހޯދައިފި އެވެ.
ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ހިދުމަތް މާލޭގައި 3 ހޮސްޕިޓަލެއްގައި ދޭއިރު، އަތޮޅުތަކުގައި 48 ތަނަކުން މި ހިދުމަތް ދެއެވެ.
ސަރުކާރުން ސިއްހީ ދާއިރާއަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން، ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކުގައި ދުންފަތް ހުއްޓާލުމުގެ ފަރުވާދިނުމަށް މިހާތަނަށް 840 ސިއްހީ ހިދުމަތްތެރިން ތަމްރީންކޮށްފައިވާއިރު، ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކުން 709 ފަރާތެއް ފަރުވާ ހޯދާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވެ އެވެ. އަދި ދުންފަތާއިި ދުރުހެލިވުމަށް އެހީތެރިވެދޭ އުފެއްދި 24 ގަޑިއިރު ހޮޓްލައިން 877 މީހުން އެހީ ހޯދާފައިވެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، މި ފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނެސް ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށް ޓަކައި 'ޖެނެރޭޝަނަލް ބޭން' އެއްވެސް ތަންފީޒުކޮށްފައިވެ އެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާހުގެނެސް އަމަލުކުރަން ފަށާފަ އެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
ޤާނޫނަށް ގެނައި ބަދަލުތަކާއެކު އެކަމަށް އާންމުން ހޭލުންތެރިވެ އެފަދަ ޤާނޫނީ ކުށްތަކަށް އަރައިނުގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.



