








ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދާ ގުޅޭ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފިއެެވެ.
މިއީ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ހައިކޯޓުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ އަޑުއެހުމެވެ.
ޝާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:15 ގައެވެ. ހައިކޯޓުން ބުނީ އިދާރީ ސަބަބުތަކެއް ހުރުމުން އަޑުއެހުން ކެންސަލްކުރަން ޖެހުނީ ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރީ ވޭތުވެދިޔަ އާދިއްތަ ދުވަހުއެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާ ގުޅިގެންނެވެ. އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި މާލެއާއި އަތޮޅުތަކުގައި ކެމްޕޭން ކުރައްވަމުން ގެންދަވަމުން ދިޔަ ދުވަސްވަރެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ތަހުގީގުކުރަމުން ދަނީއެވެ.




