

.jpeg?w=3840&q=75)




.jpg?w=3840&q=75)

ޖަލްސާއެއް، އެއްވުމެއް ބާއްވަފާނެ ހުރިހާތަނެއް ނެގިޔަސް، އެމްޑީޕީ އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޝަހީދު މިހެން ވިދާޅުވީ، ހައުސިންގ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނަކާ ގުޅިގެންނެެވެ.
އެ އިއުލާނުގައި ވަނީ މާލެ މަސްމާރުކޭޓާއި ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނޭ ގޮތަށް، މާލެއާއި ވިލިމާލޭގެ މުހިންމު 14 ބިމެއް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރާ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް މި ބިންތައް ގެންދަނީ މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާތީ، އުމްރާނީ ތަރައްޤީ ފުޅާކުރުމަށާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މި ބިންތައް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ ހުށަހެޅުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ވަނީ ދީފައެވެ.
މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއަދު މާލެސިޓީއިން ފެށި މިކަން ސަރުކާރުން ނިންމާނީ ރަށްރަށާއި އެހެން ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައްވެސް ނަގާފައި ކަމަށެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ބިންތައް ނެގިޔަސް، ޙަޤީގަތުގައި ސަރުކާރުން އެމަސައްކަތް ފެށީ މާލޭ ސަރަޙައްދުގައި އެމްޑީޕީގެ ޙަރަކާތްތައް ހުއްޓުވުމަށް ކަމަށެވެ.


.jpeg?w=3840&q=75)




