







މާރުކޭޓް
އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ބާޒާރުގައި ބޮޑުތަނުން އުފުލިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އެ ކުންފުނިން ވިއްކާ ތަކެތީގެ އަގަށް ބަދަލެއް ގެނެސްފައިވ ނުވާކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.
އެސްޓީއޯ އިން ވަނީ އަސާސީ ކާބޯތަކެތީގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެކަށީގެންވާ ވަރަށް މިވަގުތު ސްޓޮކް އެބަހުރިކަމުގެ ޔަގީންކަންދީފަ އެވެ.
ބާޒާރުގެ ބައެއް ފިހާރަތަކުން އަގު ބޮޑުކޮށް ވިއްކަމުންދާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެރެޓް ކިލޯއެއް އެސްޓީއޯއިން މިހާރުވެސް ވިއްކަމުންދަނީ 40 ރުފިޔާ އަށެވެ. މީގެ އިތުރުން ކުކުޅު ބިހެއް 2 ރުފިޔާއަށް ވިއްކާއިރު، ބިސް ކޭހެއްގެ އަގު އުޅެނީ 415 ރުފިޔާ އަށެވެ. އެހެނިހެން މުހިންމު ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ލޮނުމެދު ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ 'އަގުމަގު' ޕޯޓަލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ކުރީކޮޅު ބާޒާރުގެ ބައެއް ފިހާރަތަކުން 25 ރުފިޔާއަށް ވިއްކި ކެރެޓް ކިލޯއެއްގެ އަގު މިހާރު ވަނީ 50 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިފަ އެވެ. އަދި ބައެއް ފިހާރަތަކުގައި ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް މައްޗަށް ޖައްސާފައިވެ އެވެ.
މިކަމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެސްޓީއޯއިން މެދުކެނޑުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
ރާއްޖޭގެ ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން، އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދާނެ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިއަހަރުގެ ފަހުކޮޅު 2.2 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ އިންފްލޭޝަން ރޭޓް، 2027 ވަނަ އަހަރު 2.0 އިންސައްތައަށް ދަށްވާނެ ކަމަށް އޭޑީބީގެ އަންދާޒާތަކުން ދައްކައެވެ.