







ސަޢޫދީ ޢަރަބިއްޔާގެ މައްކާ ޕްރޮވިންސަށް ވައިގެ ނުރައްކަލެއްގެ އިންޒާރު (އިމަޖެންސީ އެލާޓް) މިރޭ ނެރުމަށްފަހު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ނުރައްކާ ފިލައިގެން ހިނގައްޖެ ކަމަށް ސަޢޫދީ ސިވިލް ޑިފެންސުން އިޢުލާންކޮށްފިއެވެ.
މި ނުރައްކަލުގެ އިންޒާރު މޯބައިލް ފޯނުތަކަށް ފޮނުވާ އިމަޖެންސީ އެލާޓް ނިޒާމު މެދުވެރިކޮށް ފޮނުވާފައިވާއިރު، މި ވަގުތު ޢުމްރާގެ އަޅުކަމަށް މައްކާގައި ތިބި ގިނަ ޢަދަދެއްގެ ދިވެހިންގެ ފޯނުތަކަށްވެސް މިރޭ މި އިންޒާރުގެ މެސެޖު ވަނީ ލިބިފައެވެ.
ފުރަތަމަ ފޮނުވި އިންޒާރުގައި ބުނެފައިވަނީ އެ ސަރަޙައްދަށް ވައިގެ ޙަމަލާއެއްގެ ނުވަތަ ދުޝްމަނުންގެ ވައިގެ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ހާސްނުވެ މަޑުމައިތިރިކަމާއެކު ތިބުމަށާއި، ކުޑަދޮރުތަކާއި ދޮރުތަކާ ދުރުގައި، އިމާރާތްތަކުގެ އެތެރޭގައި ނުވަތަ ރައްކާތެރި ތަންތަނުގައި ތިބުމަށާއި، ސިވިލް ޑިފެންސްގެ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ސަޢޫދީ ސިވިލް ޑިފެންސުން ފޮނުވި ދެވަނަ އެލާޓުގައި ބުނެފައިވަނީ ނުރައްކާ ފިލައިގެން ހިނގައްޖެ ކަމަށެވެ.
އަދި އެއްޗެއް ވެއްޓިފައިވާ ސަރަޙައްދުތަކާ ކައިރިނުވުމަށާއި، އެފަދަ ތަންތަނުން ފެންނަ އެއްވެސް އެއްޗެއްގައި އަތްނުލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުއްލި ޙާލަތެއް ދިމާވެއްޖެ ނަމަ 911 އަށް ގުޅުމަށް ނުވަތަ "ތަވައްކަލްނާ" އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓްކުރުމަށްވެސް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.







%20(5).jpeg?w=3840&q=75)
