






ދިޔަމިގިލި ސްކޫލް އިމާރާތްކުރި ސިފައިންގެ ޓީމު- ފޮޓޯ: އެމްއެންޑީއެފް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯރގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) ގެ ސިފައިން އިމާރާތްކުރަން ފެށި ތ.ދިޔަމިގިލީ ސްކޫލްގެ 3 ބުރި އިމާރާތުގެ މަސައްކަތް ނިންމާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ 10 ކްލާސްރޫމް ހިމެނޭ މި އިމާރާތަކީ މި އަހަރުގެ މާޗް 31 ވަނަ ދުވަހު ފެށި މަސައްކަތެއް ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އިއްޔެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، 235 ދުވަަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށް ސިފައިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން ނިންމާފައިވާ އިމާރާތުގެ ސްޓްރަކްޗާ އަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އިތުރު ކޮލަމްތައް ޖަހައި ސްރަކްޗާ ވަރުގަދަކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރި އެވެ.މީގެ އިތުރުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭނުމާއި ސިމެންތި ޖެހުމާއި، ކުލަލުމާއި، ފުރާޅުގެ މަސައްކަތްތަކާއި، ކްލާސްރޫމްތަކާއި، ފާޚާނާތަކާއި، ސިޑިގޮޅި ސީލިންގކޮށް ތަށިމުށި ޖެހުމުގެ އިތުރުން ކަރަންޓް ނަރުތައް އެޅުމާއި، އައިސީޓީއަށް އަޅަންޖެހޭ ނަރުތައް އެޅުމާއި، ސަރވަރރެކް ޕީއޭ ސިސްޓަމް ފަދަ އެންމެހާ ތަކެތި ހަރުކުރުން ހިމެނެ އެވެ. އަދި ފަޔަރ އެކްސްޓިންގުއިޝަރ ހަރުކުރުމާއި، ސްކޫލް ނަންބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ކޮށްފައި ވެއެވެ.
އެމްއެންޑީއެފުން ވަނީ މި މަސައްކަތަށް ދިޔަމިގިލީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ތަރުހީބަށް އަލިއަޅުއްވާލާފައިވާއިރު، މަސައްކަތްތަކުގައި ސިފައިންނާ އެކު އަމަލީގޮތުން ބައިވެރިވުމާއި، ސިފައިންނަށް އެކިއެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައިވެ އެވެ.
މި މަޝްރޫޢުގެ މެނޭޖަރެއްގެ ގޮތުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ވޮރަންޓް އޮފިސަރ 2 ޖަޢުފަރު މުހައްމަދު ހަރަކާތްތެރިވެފައިވާއިރު، އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދެވެ.
މި މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ ސިފައިންނަށް އެ ކޯރގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނަރސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެމްއެންޑީއެފުން ފާހަގަކުރި އެވެ.