







އެމްއެމްއޭ ފިންލިޓް ފެސްޓް ކުޑަކުދިންގެ ހަވީރު ވަށަފަރުގައި ބާއްވައިފި
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހއ. އަތޮޅުގައި ހިންގަމުން އަންނަ "ފިންލިޓް ފެސްޓް" ޕްރޮގްރާމުގެ ތެރެއިން، ހއ. ވަށަފަރުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފި އެވެ.
އެމްއެމްއޭ އިން ބުނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވަށަފަރު ކައުންސިލާއި، ދިވެހި ފުލުހުންގެ ހިދުމަތް އަދި އެ ރަށުގެ ޖަމްއިއްޔާތައް ގުޅިގެން ކަމަށެވެ.
ރަށުގެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވި މި ހަވީރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެމްއޭއިން ފާހަގަކުރި އެވެ.
އެކި ކުޅިވަރުތަކާއި މަޖާ ހަރަކާތްތައް ހިމެނުނު މި ހަވީރުގައި، ޅައުމުރުން ފެށިގެން ފައިސާއާ ބެހޭގޮތުން ކުދިން ހޭލުންތެރިކުރުވުމަށް މާލީ ތައުލީމުގެ މައުލޫމާތު ފޯރުކޮށްދިނެވެ. މީގެ އިތުރުން ފައިސާގެ ތާރީހު ދައްކައިދިނުމަށް ހާއްސަ ސްޓޯލެއް ގާއިމުކޮށް، އެ ސްޓޯލް މެދުވެރިކޮށް ކުދިންނަށް މައުލޫމާތު ދީފައިވެ އެވެ. މި ހަވީރުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑާއެކު އެކި އިނާމުތައް ވަނީ ހަދިޔާކޮށްފަ އެވެ.
ފިންލިޓް ފެސްޓް ޕްރޮގްރާމުގެ ދަށުން ހއ. އަތޮޅުގެ ޖުމުލަ 6 ރަށެއްގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ހަރަކާތްތައް އެމްއެމްއޭއިން އަންނަނީ ހިންގަމުންނެވެ.








