







އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން
ރާއްޖޭގެ 3 ބާރުގެ އިމާރާތްތައްކަމަށްވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި ހަސަން ޒިހާންގެ ބަންދަށް ކޯޓުން މިއަދު އަނެއްކާވެސް އިތުރު 16 ދުވަސް ޖަހައިފިއެވެ.
މި މުއްދަތު އިތުރުކުރުމާއެކު މި މައްސަލައިގައި އޭނާ ބަންދުގައި ހުންނަތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ.
ފުލުހުން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 14 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން މިއަދު އިތުރު 16 ދުވަސް ބަންދަށް ދީފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ އޭނާ ހައްޔަރުކޮށް ޖެހި 15 ދުވަހާއި، އޭގެ ފަހުން އިތުރުކުރި 14 ދުވަސް އަދި މިއަދު އިތުރުކުރި 16 ދުވަހާއެކު، އޭނާގެ ބަންދުގެ ޖުމްލަ މުއްދަތު މިހާރު ވަނީ 45 ދުވަސްވެފަ އެވެ.
ޒިހާން ހައްޔަރުކުރީ ދައުލަތުގެ ތިން ބާރުގެ މައި އިމާރާތްތަކުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ފޭސްބުކުން އެ ޕޯސްޓު ޑިލީޓްކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދައުލަތުގެ މުހިންމު އިމާރާތްތަކަށް ގެއްލުންދިނުމަށާއި ނުރައްކާތެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހިންގާ މިފަދަ ކަންކަން އެ އިދާރާއިން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް އޭނާ ވަކިކޮށްފަ އެވެ.








