
ހއ. ބާރަށުގައި "ޝިޕް ވިޒިޓް" އިވެންޓް ކުރިއަށް ގެންގޮސްފި އެވެ.
މިއީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ބާރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ހަރަކާތެކެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީންގައި ބޭއްވި މި ޒިޔާރަތަކީ ސިފައިންނާއި ރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ނަޞްރުގެ ދުވަހުގެ ޝަހީދުންނަށްޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ޤައުމީ ފަޚުރާއި މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޒިޔާރަތުގައި ބައިވެރިވި ބާރަށުގެ ރައްޔިތުންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދީ، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލާފަ އެވެ. އަދި ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ވަނީ ދީފަ އެވެ. މި ޒިޔާރަތުގައި ބާރަށު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީންގައި މަސައްކަތްކުރައްވާ ސިފައިންނެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ އިރު، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގެ ފޮޓޯއާއި އެ ދުވަހުގެ ފަސްމަންޒަރު ދައްކުވައިދޭ ޚާއްޞަ ފޮޓޯ މަޢުރަޒެއް އިއްޔެއާއި މިއަދު ބާރަށުގައި ދަނީ ކުރިއަށްގެންދަމުންނެވެ.














