






އަންނަ އަހަރު ތެރޭގައި ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގައި މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބަޖެޓުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތައް ނިންމުމުގެ މަސައްކަތަށް އަލިއަޅުވާލައްވާ، މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑެތި މަޝްރޫޢުތަކުން ފެށިގެން ވަރަށް ބޮޑެތި މަސައްކަތް ކުރެވޭ ކަމަށެވެ.
އޭގެ ތެރެއިން ޕޯޓު މަޝްރޫޢުގެ މިސާލު ދައްކަވާ ވަޒީރު ވަނީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިމަޝްރޫޢުގެ އިތުރުންވެސް 3000 އަށް ވުރެ ގިނަ މަޝްރޫޢު މިހާރުވެސް އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބިޔަ މަޝްރުޢޫތަކުން ފެށިގެން ވަރަށް ކުދި މަޝްރޫޢުތަކާއި އަދި ކުޑަ ޚަރަދެއްކުރިނަމަވެސް ބޮޑު އަސަރެއްކުރާނެ ފަދަ މަޝްރޫޢުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ބަޖެޓު އަމާޒުގައި ފާހަގަކޮށްފައިވާ ގޮތަށް މިއަހަރު އެންމެ ބޮޑަށް އިސްކަންދޭނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރުޢޫތަކުގެ ތެރެއިން %70 މަޝްރޫޢު ނިންމުމަށާއި އަދި މިކަން ކަށަވަރު ކުރެވޭނެ ނިޒާމުތައް މާލީ ވުޒާރާ ހިމެނޭހެން އެކި ވުޒާރަތަކުގައި ޤާއިމްވެފައިވާ ކަމަށެވެ.
ސަރުކާރުން މަޝްރޫޢުތައް ނިންމައި ނަތީޖާ ނެރުމަށް މަސައްކަތް ކުރަމުންދާއިރު، މިއަންނަ އަަހަރު މިމަސައްކަތަށް މަގުފަހިކުރެވޭނެކަން ޔަޤީން ވަނީ ދަރަނިތައް އަދާކޮށްފައިވުމުން ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް މަސައްކަތްތަކަކީ ޕީއެސްއައިޕީގައި ނުހިނެމެނޭ ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ކުރިއަށްދާ މަސައްކަތްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.





