







ރަސްމާލެ މަޝްރޫއު ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމުމާއި ގުޅިގެން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި އަންނަ ބުރާސްފަތި ދުވަހު އިހުތިޖާޖަށް ނުކުންނަން މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި މަޝްރޫއުއާއި ގުޅިގެން ރައްޔިތުން ކަންބޮޑުވަނީ ރައްޔިތުންނަށް އެކަމުގެ ވާނުވާ އޮޅުންނުފިލާތީ ކަމަށެވެ.
ރައީސް ނަޝީދު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި "ބޮޑު ބަދަލު" ގެ ސިޔާސަތުތައް ޕާޓީގެ މެންބަރުން ބަލައިގެންފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ސިޔާސަތުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކަންކަން ހިންގުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިންނަށް ނިންމަވާ ކަންކަން ރަނގަޅު ކަންކަމުގެ ގޮތުގައި ފެނި، ތަސައްވަރު ކުރެވުނު ނަމަވެސް އެ ތަސައްވުރުތަކާއި މަންޒަރުތައް ރައްޔިތުންނަަށް ސާފުނުވާކަމުގައި ވާނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ ކަމަށެވެ.
"ކަމެއް ކާމިޔާބުކުރުމަށް އެކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދު، ރުހުން ކޮންމެހެން އޮންނަންޖެހޭނެ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން މިހާރު މިހުރީ ކަންބޮޑުވުންތައް ރައްޔިތުންގެ މެދުގައި ބަހުސްކުރެވި، އެ މައްޗަށް ރައްޔިތުން އެބަ ގޮތެއް ނިންމަންޖެހޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫއު ކުރިއަށްގެންދާނަމަ، އެއީ މި ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ރަސްމާލެ މަޝްރޫއުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ނަގަންޖެހޭކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިކަމަށްޓަކައި އަޑު އުފުލުމަށް އެމްޑީޕީއިން އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށާއި މި ނޮވެމްބަރު މަހުގެ ތެރޭގައި އެއްވުމަކަށް ނިކުންނާނެ ކަމަށާއި އެއީ އެމްޑީޕީގެ އެއްވުމެއް ކަމަށެވެ.







