







ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފި އެވެ.
މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޖުމްލަ 6.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 5.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މިފަދަ މަޝްރޫޢުތަކަށް 7.0 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބިންހިއްކުމާއި، ލަފާ ފުރުމުގެ ދަތިކަން ޙައްލުކުރުން ފަދަ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތައް ހިމެނެ އެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތަކަށެވެ. އެގޮތުން އެ ދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހިއްސާކުރަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. ދައުލަތުގެ އާންމު ހިދުމަތުގެ ދާއިރާއިން 780 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު،މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ހޭދަކުރީ 432 މިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން 775 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 717 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޯހިޔާވަހިކަމަށް ހޭދަކުރި 600 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 359 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ސިއްހީ ދާއިރާއަށް ހޭދަކުރީ 329 މިލިޔަން ރުފިޔާ އެވެ.
މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި ޕީއެސްއައިޕީއަށް ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ ކުޑަވުމަކީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދުތައް ހަރުދަނާ އުޞޫލަކުން ބަލަހައްޓަމުންދާކަމުގެ ހެއްކެކެވެ. އަދި މިއަހަރުން ފެށިގެން ސަރުކާރުން ވަނީ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި އެ މަޝްރޫޢަކުން ލިބޭނެ ފައިދާއަށް ރިޢާޔަތްކުރުމަށް ނިންމާފަ އެވެ. އެގޮތުން އަލަށް ފަށާ މަޝްރޫއުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމުކޮށް، އެ ފަންޑުގެ އެހީގައި ފުރިހަމަ ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.




