







ލީޑްސް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-1 ނަތީޖާއަކުން މޮޅުވެ ލީޑްސް ޔުނައިޓެޑުން ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި ލީޑްސް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ކައިސޭޑޯއަށް އަނިޔާވެ ބަދަލުކުރަން ޖެހުނުއިރު. އޭގެ ތިން މިނެޓް ފަހުން ޗެލްސީގެ އިނގިރޭސި މިޑްފިލްޑަރު މޯގަން ރޮޖާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް އޭގެ ތިން މިނެޓް ފަހުން ލެސްޓާގެ ފޯވާޑް ނޯހް އޮކާފޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ލީޑްސް ޔުނައިޓެޑުން ވަރުގަދަކޮށް ފެށިއިރު. އެޓީމުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮމިނިކް ކަލްވަޓް ލުވިން އެވެ. އަދި އޭގެ ހަ މިނެޓް ފަހުން އެޓީމުގެ އޮކަފޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑްސްގެ ލީޑު ފުޅާކޮށްދީފައެވެ.
ލީޑްސްގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިޑްފިލްޑަރު ބްރެންޑެން އާރޮންސަން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން ލީޑްސްއަށް 17 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 11 މެޗުން ހޯދި 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.








