







ރޮޑްރިގޯ މުނީޒް ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީ އިން ނަގާލައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ފޮރެސްޓް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ފްލަމް އެންމެ ފަހުން އެސްޓަން ވިލާ އަދި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮވެގެން. ނެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރޮޑްރިގޯ މުނީޒް އެވެ.
ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ސިޓީ ހާލަންޑް ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހުމުގެ ކުރިން ސިޓީގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާކަމަށެވެ. އަދި ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އެލިއޮޓް އެންޑަސަންއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން މެންޗެސްޓާ ސިޓީއަށް 22 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ހޯދި ޕޮއިންޓާއެކު 11 މެޗުން ފްލަމްއަށް 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.








