




ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 2-1 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކޮށް އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން 10 ވަނަ ފަހަރަށް ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން އިންޑިއާ ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބޫޓާން ބަލިކުރުމަށްފަހު އެވެ.
ޕާކިސްތާނުން މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޑިއާ އިންނެވެ.
ޑާކާގެ ބަގްބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕާކިސްތާނުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ޕާކިސްތާނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އަލަމްގިރް ޣާޒީއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ޕާކިސްތާނުންނެވެ. ނަމަވެސް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު ޖުނައިދު ޝާހްއަށް ދެއްކި ރަތްކާޑާއެކު އެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ޕާކިސްތާނުން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އިންޑިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ސުހައިލް ބަޓް އެވެ. އަދި މިއީ މިމުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ސުހައިލް، މުބާރާތުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މިމެޗުން އިންޑިއާ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަންދީޕް މަންޑީއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.




