


.jpg?w=3840&q=75)

.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް މިއަދު 3 އަހަރު ފުރިގެންދާއިރު، މި ވޭތުވެދިޔަ މުއްދަތުގައި އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވަނީ، ދިވެހި ރައްޔިތުންނާއި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކިތަންމެ އުނދަގޫ އަދި ބޮޑު ނިންމުމެއް ނިންމަވަން ޖެހިވަޑައިގަތަސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމެވެ.
މީގެ ކުރީގެ ރައީސުން ސިޔާސީ ގޮތުން ވެދާނެ ގެއްލުމަކަށް ބައްލަވައި ނިންމަވަން ޖެހިލުންވެވަޑައިގަތް، އަދި ތަންފީޒުކުރަން ނުކެރުނު ނުވަތަ ފަސްޖެހިވަޑައިގެންނެވި އެތައް ޤާނޫނުތަކަކާއި ސިޔާސަތުތަކެއް ރައީސް މުޢިއްޒު ވަނީ ކެރިވަޑައިގެން ތަންފީޒުކުރައްވަން ފައްޓަވާފައެވެ.
ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމުން ފެށިގެން، އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތު ސަލާމަތްކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަން ޤާއިމުކުރުމަށް އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ މުޅި ދިވެހި ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ އިންޤިލާބީ ބަދަލުތަކެކެވެ.
މާޒީއަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ކުރީގެ ސަރުކާރުތަކުން ބަރޯސާވެފައި އޮތީ ހަމައެކަނި ދުންފަތުގެ ޓެކްސް ބޮޑުކުރުމަށެވެ. ނަމަވެސް، މި ހުރަސްތައް ގިރާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނައި ހަރުދަނާ އިޞްލާޙުތަކާއެކު މުޅި ރާއްޖޭގައި ވޭޕް މަނާކޮށް، ދުންފަތުގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް "ޖެނެރޭޝަނަލް ބޭން" ވަނީ ތަޢާރަފްކޮށްފައެވެ.
މި ސިޔާސަތުތަކުގެ ސަބަބުން ސްކޫލްތަކަށް ވޭޕް އެތެރެކުރުން ހުއްޓުވި، ދަރިވަރުންގެ ރައްކާތެރިކަން ވަނީ ކަށަވަރުކުރެވިފައެވެ. ރާއްޖެއަށް ވޭޕުގެ ކުޅިގަނޑު ތައާރަފްވުމަށްފަހު އެކަމުގެ އުނދަގޫ އެންމެ ބޮޑަށް ޖެހުނު ބަޔަކަށްވީ ބެލެނެވެރިންނެވެ. އެތަކެއް ބެލެނެވެރިއެއްގެ ކަންބޮޑުވުން ރައީސްއާއި ހަމައަށް ދިއުމާއިއެކު އެ ދަރިވަރުންނާއި މުޅި ރާއްޖޭގެ މުަސްތަގްބަލަށްޓަކައި ރައީސް މުއިއްޒު ފާޑުކިޔުންތަކަށް ކުޑަވެސް ބެއްލެވުމެއްނެތި ނިންމި މި "ޓަފު" ނިންމެވުމަށްދުނިޔޭގެ ސިއްހީ ޖަމިއްޔާއިންވެސް މަރުހަބާ ކިޔައި އެމަނިކުފާނަށް ޚާއްސަ އެވޯޑެއްވެސް ވަނީ އަރުވާފައެވެ.
ފަތުރުވެރިކަމުން ލިބޭ ބޮޑު އާމްދަނީ ރާއްޖެއިން ބޭރުވުމާއި، ކަޅުބާޒާރުގެ ސަބަބުން ޢާންމުންނަށް ޑޮލަރު ނުލިބުމަކީ ރާއްޖޭގެ އިޤްތިޞާދުގައި ޒަމާނުއްސުރެ އަށަގަނެފައި އޮތް ބޮޑު މައްސަލައެކެވެ. މިއީވެސް މީގެ ކުރީން ވެރިކަން ކުރެއްވި ރައީސުންނަށް ހައްލުކުރަން ނުކުރި އޮތް ބޮޑު މައްސަލައެކެވެ. ސަބަބަކީ ވިޔަފާރިވެރިންގެ މަސްލަހަތު އިސްކުރަން ޖެހުމެވެ. ނަމަވެސް ރައީސް މުއިއްޒު ތަފާތެވެ. އިސްކުރައްވަނީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްލަހަތެވ.
ޑޮލަރުގެ ތާށިކަމާއި ކަޅުބާޒާރުގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކޮށް، ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން މިހާރު ވަނީ ލާޒިމުކޮށްފައެވެ. ހަމައެއާއިއެކު ބައިނަލްއަޤްވާމީ މައިދާނުގައިވެސް އިޤްތިޞާދީ ގުޅުންތައް ފުޅާކޮށް، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ މާލީ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިޔާގެ ސެންޓްރަލް ބޭންކުން ވަނީ އުޞޫލެއްގެ ގޮތުން އެއްބަސްވެފައެވެ. މިކަން ދާދި ފަހުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީކޮށް އިއުލާނުވެސް ކުރި އެވެ.
ހަމައެއާއެކު، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު "ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު، ޕާކިސްތާނާއެކު ކުރެވޭ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި މާލީ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓި، ބޭރަށް ކިޔަވަންދާ ކުދިންނަށާއި ފަރުވާއަށް ދާ މީހުންނަށް ޑޮލަރު ލިބުން ވަނީ ފަސޭހަވެފައެވެ. އަދި ކުރިޔަށް ހުރި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑޮލަރު ލިބުމަށް ހުރި އިތުރު ހިރާސްތައްވެސް ގިރާކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ގެންދަވަނީ ދެއްވަމުންނެވެ.
ގޭންގުތައް ކޮންޓްރޯލް ނުކުރެވުމާއި، ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅިގެން ދިއުމަކީ މުޖުތަމަޢުގެ އަމާންކަން ގެއްލިފައިވާ ކަމެކެވެ. މީގެ އިތުރުން މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ނެތުމުގެ ސަބަބުން އިޖުތިމާޢީ މައްސަލަތައް އޮތީ އިތުރުވެފައެވެ.
މިކަމަށް ގެނައި ބަދަލެއްގެ ގޮތުން، ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން، އިސްލާމީ ޝަރީޢަތާ އެއްގޮތަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވައި އަބުރު ރައްކާތެރިކުރުމަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާ "ޕްރޮޓެކްޝަން އޮފް ނޭމް އެންޑް ރެޕިއުޓޭޝަން" ބިލެއްވެސް ދާދި ފަހުން ވަނީ ހުށަހަޅާފައެވެ.
މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ އަމާންކަން ޤާއިމުވެ، މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙުތިރާމުކުރާ، އަބުރުވެރި މާޙައުލެއް ޤާއިމުވުމަށް ވަނީ މަގުފަހިވެފައެވެ.
މީގެ ކުރިން ބޭރުގެ އަސްކަރިއްޔާއަށް ބަރޯސާވުމާއި، ޚާރިޖީ ގުޅުންތައް ވަކި ޤައުމަކަށް ބުރަވެފައި އޮތުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އޮތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަން ބަދަލުކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއަރ ކޯޕްސް އުފައްދައި، ޤައުމުގެ ދިފާޢީ ބާރު ވަނީ ޒަމާނީކޮށްފައެވެ. މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު މުހިންމު ދިފާޢީ، ސައިބަރ ސެކިއުރިޓީ އަދި ސަލާމަތީ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރެވިފައެވެ.
އަދި ފަލަސްޠީނުގެ ދިފާޢުގައި އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުން އިސްރާއީލް ޕާސްޕޯޓް މަނާކޮށް، ރިއަލް އެސްޓޭޓް ބިޒްނަސް ބިލުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނާއި ކުންފުނިތަކަށް ރާއްޖޭގެ އިންޓަގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯންތަކުން ބިން ކުއްޔަށް ހިފުން ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ.
މި ސިޔާސަތުތަކާއެކު ރާއްޖޭގެ ސިޔާދަތު ކަށަވަރުވެގެން ގޮސްފައިވާއިރު، ފަލަސްޠީނުގެ ޙައްޤުގައި ރައީސް މުޢިއްޒު ދައްކަވާ ހިތްވަރަށް މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ ތަޢުރީފުކުރައްވައި، "އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ އަސްލު ދިފާޢީ ބާރެއް" ގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައެވެ.
މާލެއަށް ތަރައްޤީ ޖަމާވެފައި އޮތުމާއި، ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ރަސްމާލެ މަޝްރޫޢާއި އެކި ސަރަޙައްދުތަކުގައި އެއަރޕޯޓުތައް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިންޓަގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯންތައް ތަރައްޤީކުރުމަށް 99 އަހަރަށް ބިން ކުއްޔަށް ދެވޭގޮތަށް ބިލެއް ހުށަހެޅިއިރު، މި ޒޯންތަކުގައި ރާ، އޫރުމަސް އަދި ޖުވާކުޅުން ފަދަ އިސްލާމްދީނާ ޚިލާފު ހުރިހާ ކަމެއް ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ.
އަދި ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫޢަށް އެހީވުމުގެ ގޮތުން ޕާކިސްތާނުން 100،000 ޒައިތޫނި ގަހުގެ ކަޓިންގްސްއާއި އޮށް ހަދިޔާކުރަން ވަނީ ނިންމާފައެވެ. މީގެ ސަބަބުން އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޤްތިޞާދީ އައު ޒޯންތަކެއް އުފެދި، ތިމާވެށި ރައްކާތެރިކުރުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްޤީ ފެތުރިގެންދާނެއެވެ.
އިޖުތިމާޢީ އަޚްލާޤު ހީނަރުވުމާއި، ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ނުކުރެވުމުގެ މައްސަލައަށް ޙައްލު ހޯދުމަށް އައު ޒަކާތުގެ ޤާނޫނުގެ ދަށުން 'ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް' ފޮތުގެ ދެވަނަ އިޞްދާރު ވަނީ އާންމުކޮށްފައެވެ. އަދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިޙްތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން އަށަގެންނެވުމަށް "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" ޝިޢާރުގެ ދަށުން ޤައުމީ މަޝްރޫޢެއް ފަށައި، ޢާންމުންގެ ވޯޓުން ހޮވުނު ލޯގޯ ރައީސް މުޢިއްޒު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ، އަދި އިޖުތިމާޢީ ގޮތުން ރައްކާތެރިކަން ލިބިފައިވާ އޯގާތެރި މުޖުތަމަޢަކަށް ވުމަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.







.jpg?w=3840&q=75)
