



ގާފު ފޮޓޯ: އަޙްމަދު ރީޙާން
ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާން ދެނެގަނެ، 13،000 މީހުން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބާގައި ކުރިއަށްގެންދާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ މަދު ޤައުމަކަށް ނޫނީ ހާސިލު ކުރެވިފައިވާ ނަތީޖާއެއް ނޫން ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ތިބި ބިދޭސީން ސާފު އަދަދެއް ނޭނގޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ހަވާލުވަނީ މިމައްސަލަ ހައްލުކުރާނެ ކަމަށްބުނެ ކަމަށާއި އަދުގެ ސަރުކާރުން އެކަން ކުރަނީ އިޚުލާސްތެރިކަމާއެކުގައި ކަމަށެވެ. އަދި ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގައި ބާކީ އޮތީ އެންމެ އިންސައްތައެއް ކަމަށާއި މިއީ ދުނިޔޭގެ އެންމެ 1 އިންސައްތަ ޤައުމުން ހާސިލުކުރެވިފައިވާ އަދަދެއް ކަމަށެވެ.
އެހެންނަމަވެސް ރާއްޖެއިން މިވަނީ މިކަންވެސް ހާސިލުކޮށްފައި ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރު ހަވާލުވުމަށްފަހު ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔައީ 13،000 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

