



ވާހަކަ ދައްކާނީ ނަތީޖާއިން ކަމަށާއި އިދިކޮޅު ފަރާތްތަކުން ހިޔާލީ ދުނިޔޭގައި ބައިތިއްބާފައި އަޅުގަނޑުމެން ދާނީ ހަގީގީ ދުނިޔޭގައި ކުރިއަށް ކަމުަގއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދއްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިމާރާތެއް ބިނާކުރުމަށްވުރެ ގައުމު ދެކެ ލޯބިވާ ވަފާތެރި ޒުވާނެއް ތައްޔާރުކުރުމަކީ މާ މުހިންމު ކަމެއް ކަމަށާއި ތަރައްގީގެ ބިނާތަކާ އެއްވަރަށް އިހުތިރާމް އާލާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ގައުމު އުޖާލާކުރެވޭނެ މަގެއް ކަމަށެވެ.
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ކަމަކާ ދެކޮޅު ހަދައި މަލާމާތްކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށާއި، މިފަދަ އިދިކޮޅު ބައެއް އެހެން ތަނެއްގައި ނޫޅޭނެ ކަމަށެވެ. އަދި އިހްތިރާމަކީ ވަށްބޯޅައެއް ކަމަށް ބުނެ އެފަރާތްތަކުން މަލާމާތްކުރިކަން ފާހަގަކުރައްވާ ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބީ ޚިޔާލީ ދުނިޔެއެއްގައި ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުން ދައްކާ ވާހަކައަށް ނޫނެކޭ ބުނެ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާ ހޯދައިދޭ ބަޔަކަމަށް އާއެކޭ ބުނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

