

.jpg?w=3840&q=75)

.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)


މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭގައި ތަރައްގީކުރާ މާލޭގެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި އެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މާލޭގެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުލްޣަނީ މުހައްމަދު އެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އަބްދު ﷲ މުއްތޮލިބާއި، ބަންޑާރަނައިބު އަހުމަދު އުޝާމް ބައިވެރިވަޑައިގެންނެވި އެވެ.
މި މަސައްކަތްކުރުމަށް ޖުލައި މަހުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން 29،490 އަކަފޫޓުގެ ސަރަހައްދެއްގައި 14 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި މި އިމާރާތުގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓު، ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އޮފީސް ހެދުމަށް ހަމަޖެހިފައިވެ އެވެ.
އެމްޓީސީސީއާއި މި މަސައްކަތް 720 ދުވަސް ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާއިރު، މިއީ 699.86 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ބޮޑުކަމުން، މައްސަލަތައް ނިންމުމަށް އެކި ގޮންޖެހުންތަކާއި ކުރިމަތިލާން މިހާރު ވަނީ ޖެހިފަ އެވެ. އަދި މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލޭގައި ތަރައްޤީ ކުރާ މާލޭގެ ކޯޓު ކޮމްޕްލެކްސްގެ އިތުރުން ސްޕްރީމް ކޯޓު ހިންގާނެ އިމާރާތެއް އެޅުމަށް މާލެއިން ބިމެއްވެސް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށްވެސް ހުޅުމާލޭގައި އިމާރާތެއް ތަރައްޤީކޮށްފަ އެވެ.


.jpg?w=3840&q=75)

.png?w=3840&q=75)