ގާފު ފޮޓޯ: އަޙްމަދު ރީހާން
މި ސަރުކާރު އޮތްހާ ހިނދަކު އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މި ޔަގީންކަން އެމަނިކުފާނު ދެއްވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ޖަލްސާގައި ރައީސް ވިދާޅުވީ ޤާނޫނު އިތުރަށް ވަރުގަދަކޮށް އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިސްރާއީލާއެކުގައި މި ގައުމުގެ ގުޅުމެއް ނޯންނާނެ ކަމަށާއި އެ ނޫން ހުރިހާ ޤައުމަކާއި ގުޅުން ބާއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ގުޅުން ބަދަހިކުރަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ޚާރިޖީ ދާއިރާގެ ސިޔާސަތަކީ، ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް އިސްކުރުންކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް އިސްކުރާނީ، ދިވެހިންނަށް އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.





