





.jpg?w=3840&q=75)

އެފްއޭއެމް ވިމެންސް ލީގު 2025 ގެ ވަނަ ވަނައަށް ހޮވުނު ކުޅުންތެރިން... ފޮޓޯ: އެފްއޭއެމް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "އެފްއޭއެމް ވިމެންސް ލީގު 2026" މާދަމަ ފެށުމަށް ހަމަޖެހިފައިވާއިރު، ލީގު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ނުކުންނާނީ އެމްއެސް މޭޓްސް އާއި ދެކޮޅަށެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ އެފްއޭއެމް ވިމެންސް ލީގުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ މެޗު ކުޅޭ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަދި އެމްއެސް މޭޓްސްގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ހިމެނޭއިރު، އެންމެ ފަހުގެ ރަނަރަޕް އޮޑި ސްޕޯޓްސް ކުލަބުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.
އާދިއްތަ ދުވަހު ހަވީރު 16:00 ގައި ކުޅޭ މާޒިޔާ އާއި އެމްއެސް މޭޓްސް ވާދަކުރާ މެޗުން މިއަހަރުގެ އެފްއޭއެމް ވިމެންސް ލީގު ފަށާއިރު، އާދީއްތަ ދުވަހުގެ ރޭ 20:00 ކުޅޭ ދެވަނަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނުކުންނާނީ ދަ ގްރާންޑޭ އާއި ދެކޮޅަށެވެ.








