





.jpg?w=3840&q=75)

-
އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާއި ދޮގުހެދުން ފަދަ ނުބައި ސިފަތަކުން މުޖުތަމަޢު ޠާހިރުކޮށްފިނަމަ، ދިވެހިރާއްޖެއަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙު ކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް ކަމަށާއި، އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާއަށް ބޭނުންތެރި ކަމަށެވެ. އަދި އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާމީ ރީތި ހަމަތަކުގައި ބެހެއްޓިއްޖެނަމަ، ސައްތައިން ސައްތަ މި އިސްލާމީ ޤައުމަކީ މާތް ﷲ ލޯބިވެވޮޑިގެންވާ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ މުޖުތަމަޢަކަށް ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އެގޮތުން މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، މީހުން ދަށްކޮށްލުން ފަދަ ކަންކަމުން ދުރުހެލިވެ، ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލާ ކައިރިނުވުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސް ގޮވާލެއްވިއެވެ.
އިޙްތިރާމު ކުރުމުގެ މައުޟޫޢަކީ މުޅި ޙަޔާތާ ގުޅިފައިވާ މައުޟޫޢެއްކަން ބަޔާންކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޮފީސްތަކާއި މަދަރުސާތަކުގެ އިތުރުން، ގެދޮރުގައި ޢާއިލާތަކުގެ ތެރޭގައާއި، އެއްބަނޑުއެއްބަފާ ތިމާގެކަމާއި ރައްޓެހި ރަޙުމަތްތެރިކަމުގައިވެސް އިޙްތިރާމު ކުރުން ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ހަމައެއާއެކު ޤައުމުގެ ޞުލްޙަމަސަލަސްކަމަށާއި، ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޤަދަރަށްވެސް އިޙްތިރާމު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އެކަކު އަނެކަކުގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް ދިވެހިން ވާންޖެހެއެވެ. އަދި އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި ޤަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"މިރޭ އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ ޢަޒުމަކީ މިއީ. އަޅުގަނޑުމެންގެ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކާތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ ޢަޒުމް. އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިޞްލާޙީ ބަދަލަކީ މިއީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، ދިވެހީންގެ ސިކުނޑިތައް އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުމަށާއި، އިންސާނީ ކަރާމާތް ނަގަހައްޓައި، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތަށް ފަޚުރުވެރިވާ މުސްލިމު އިންސާނާ ބިނާކުރުމަށް ގޮވާލައްވާފައެވެ.






