.jpg?w=3840&q=75)





ވިޔަފާރިތަކުން ފައިދާހުރި ހުށަހެޅުންތައް ގެނައުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ގޮވާލައްވައިފިއެވެ.
ވަޒީރު މިހެން ގޮވާލެއްވީ މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޒަރީރު ވަނީ ބޭންކުތަކުން އާ މާލީ އުފެއްދުންތައް ތައާރަފުކުރުމަށާއި، ވިޔަފާރިތަކުން ފައިދާހުރި ހުށަހެޅުންތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ގްރީން ފައިނޭންސްގެ ކާމިޔާބީ ފެންނަންވާނީ ހަރުދަނާ މުޖުތަމައުތަކުންނާއި، އިންފްރާސްޓްރަކްޗާއިންނާއި، އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމުން އަދި ރައްޔިތުންނަށް ލިބޭ މާލީ ރައްކާތެރިކަމުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއަށް މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގުތިސާދަށާއި ތަރައްގީގެ އަމާޒުތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމާއި، ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުތަކާއި ގުދުރަތީ ވެށި މުހިންމު ދައުރެއް އަދާކުރާއިރު، މި ވަސީލަތްތައް ރައްކާތެރިކުރުމަކީ އިޤުތިޞާދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު 3 ކަމެއް ކަމަށްވާ ކްލައިމެޓް ފައިނޭންސް، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަދި އަމަލީ ގޮތުން ތަންފީޒުކުރުމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް، ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަން މުހިންމު ކަމަށެވެ.
.jpg?w=3840&q=75)




