








-
ތުރުކީވިލާތުގައި ކުރިއަށްދާ އަންތާލިޔާ ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ތުރުކީވިލާތުގެ އަންތާލިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި މަހުގެ 10 އިން 14 އަށް އެ ޤައުމުގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. "ޓުވަރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއެންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެވަޑައިގަންނަވާ މުހިންމު ސަމިޓެކެވެ.
މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަދަލުވުމާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ހޯދުމާއި، އަރބަން އެޑެޕްޓޭޝަންގެ ކަންކަން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.








