





.jpg?w=3840&q=75)

ހޫލިއަން އަލްވަރޭޒް
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އަމިއްލަ ދަނޑުގައި އުރުގުއޭ އާއި ވާދަކޮށް އާޖެންޓީނާ 2-1 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ. އަދި މިއީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
އާޖެންޓީނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ބެނިން އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އުރުގުއޭ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 6-1 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އުރުގުއޭ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑަކީ އާޖެންޓީނާގެ ޑިފެންޑަރު ލިއަނާޑޯ ބަލަރޑީ އަތުން ބައިކޮޅަށް ވަން ލަނޑެވެ. އަދި އޭގެ ފަސް މިނެޓް ފަހުން މެޗުގެ 53 ވަނަ މިނެޓުގައި އުރުގުއޭގެ ޑިފެންޑަރު މެކްސިމިލިއަނޯ އަރައުހޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
އާޖެންޓީނާ އިން ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައ ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އާޖެންޓީނާ އިން ލަނޑުޖަަހޭނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައި އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި 2-1 ގެ ނަތީޖާއަކުން އުރުގުއޭ ކުރީގައި އޮވެގެންނެވެ.








