.jpg?w=3840&q=75)






.jpg?w=3840&q=75)
ފައިނޭންސް ފޯރަމް 2026 ފަށައިފިއެވެ.
ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ބާއްވާ މިއީ ރާއްޖޭގައި ބާއްވާ މިފަދަ 13 ވަނަ ފޯރަމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ފޯރަމުގެ ތެރެއިން ދިވެހިރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ހޯދުމާއި، ޤައުމުގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކުވެސް ވަކި ޝިއާރަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފައިނޭންސް ފޯރަމުގެ 13ވަނަ އެޑިޝަން ހާއްސަކޮށްފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރަށެވެ.
މި ޝިއާރުގެ ދަށުން ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ފަހިކުރުމަށާއި، ވިލުންވެރި ރައްކާތެރި އިޤުތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި މިކަމުގައި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ހޯދުންތަކާއި، މަޢުލޫމާތުގެ އަލީގައި ބިނާކުރަނިވި އައު ޚިޔާލުތައް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބައިވެރިވާ މި ފޯރަމުގައި ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު 30.3 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވެއެވެ. ދިގު މުއްދަތަށް އިންވެސްޓްކުރާ މުއައްސަސާއެއްގެ ގޮތުން، މެންބަރުންގެ ރިޓަޔަރމަންޓް ފައިސާގެ އަގު ރައްކާތެރިކުރުމަށް ވަރުގަދަ އަދި ދެމެހެއްޓެނިވި އިގްތިސާދަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ޕެންޝަން އޮފީހުން ދެކެއެވެ.
.jpg?w=3840&q=75)


