





.jpg?w=3840&q=75)

އިޙްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފަށައިފިއެވެ.
ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ސިފަ އަލުން އާލާކޮށް ދިރުވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި ބިޔަ ގައުމީ މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
މާފަންނު ޓްރެކް ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ކެމްޕެއިނާ ގުޅޭ ތަފުސީލީ ޕްރެޒެންޓޭޝަނެއް ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދު ވަނީ ދެއްވާފައެވެ. އަދި މަޝްރޫއުގެ ތައާރަފީ ވީޑިއޯއާއި، ރަސްމީ ލޯގޯ އަދި މައި ޝިއާރުގެ އިތުރުން ހާއްސަ ތީމް ލަވަ ވެސް ވަނީ އާންމުކޮށް އިފްތިތާހުކޮށްފައެވެ.
ކުލަގަދަކޮށް ކުރިއަށްދިޔަ މި ހަފުލާ ނިންމާލާފައިވަނީ ހިތްގައިމު ހަވާ އެރުވުމަކާ އެކުގައެވެ.
އިހުތިރާމް އަދާކުރުމުގެ ގައުމީ ހަރަކާތެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހީންނަކީ ޒަމާނުއްސުރެ އަނެކާއަށް ހިނިތުންވުމާއި އޯގާތެރިކަމާއެކު އިހުތިރާމްކުރި ބަޔަކަށް ވީނަމަވެސް، ފަހަކަށް އައިސް އައި ސިޔާސީ އޮއިވަރުގެ ސަބަބުން މި ރީތި އާދަ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެހެންކަމުން، ގައުމަށް އަންނަ އުމްރާނީ ތަރައްގީއާ އެއްވަރަށް މީސްތަކުންގެ އަހުލާގާއި، ވިސްނުމާއި ގުޅުންތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ، އިހު އޮތް އެކުވެރިކަމާއި އިހުތިރާމްކުރުމުގެ ރޫހު އަލުން އަނބުރާ ގެނައުމަށްޓަކައި ހުރިހާ ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތައް އަދި ސިޔާސީ ޕާޓީތަކުން ވެސް މި މަޝްރޫއުގައި އަތުގުޅާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ފުރިހަމަ ތަރައްގީއެއް ލިބޭނީ މިފަދަ ވަށާޖެހޭ އިޖުތިމާއީ ބަދަލުތަކެއް ގެނެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ކެމްޕެއިން ކުރިއަށްދާނީ މުޅި މުޖުތަމައު ޝާމިލުވާ ގޮތަށެވެ. އެގޮތުން އެކި ދާއިރާތަކުގެ ފަންނުވެރިންނާއި، ކުދިބޮޑު އެންމެހައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ގިނަ ހަރަކާތްތަކެއް މި މަޝްރޫއުގެ ދަށުން ހިންގުމަށް ވަނީ ރޭވިފައެވެ.








