




.jpg?w=3840&q=75)



ރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ސާފް:
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ ރާއްޖެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިފިއެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚްގައި ރާއްޖެ އަތުން ޕާކިސްތާން މޮޅުވި ފުރަތަމަ މެޗެވެ. އަދި އިންޑިއާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކޮށްފައެވެ.
ބަގްލަދަލޭޝްގެ ވެރިރަށް ޑާކާގެ ބަގްބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާރަނޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
އިންޑިއާ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ސްހައިލް ބަޓް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިންޑިއާ އިން މެޗު ޑޮމިނޭޓްކުރި ނަަމަވެސް މިހާފުގައި ރާއްޖެ އިން ވަނީ ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު ރާއްޖެ އިން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 80 ވަނަ މިނިޓްގައި ރާއްޖޭގެ އިބްރާހިމް އައިސަމް ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާ އިންޑިއާގެ ކީޕަރު ޕްރިޔާންޝް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން މުޒްދާން ބޯޅައާއެކު އިންޑިއާގެ ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާއަށް ވެސް ހުރަސް އެޅީ ޕްރިޔާންޝް އެވެ.
މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ އީތަން އިބްރާހިމް ޒަކީ، މުޅިން ހުސްކޮށް އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ވެސް ކީޕަރު ޕްރިޔާންޝް ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފަ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ އިންޑިއާ އިން ކަށަވަރުކުރިއިރު، ކުޅުނު ދެ މެޗުން ވެސް ބަލިވެ ރާއްޖެ އިން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ. އަދި މިގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަހޯދީ ޕާކިސްތާނެވެ.








