








ރާއްޖެ އާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އަދަދު ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ކުޅުނު މެޗުގަައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސް ޕާކިސްތާނުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ބަގްލަދަލޭޝްގެ ވެރިރަށް ޑާކާގެ ބަގްބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ހަތަރުވަނަ މިނެޓުގައި ޕާކިސްތާނުން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެކީލް އަބްދުﷲ އެވެ.
ޕާކިސްތާނުން ލީޑު ފުޅާކުރި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަބިއުއްލާ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އުމުރުން 19 އަހަރުގެ ފޯވާޑް ނަބިއުއްލާ އެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.
މިނަތިޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ކުރީގައި ޕާކިސްތާން އޮތްއިރު، އެޓީމަށް ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި މިގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބިގެންދާނީ ގުރޫޕް ފަހު މެޗުގައި ރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
މެޗު އެއްވަރުކޮށްލައިގެން ވެސް އިންޑިއާއަށް ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އޮތްއިރު، ރާއްޖެއަށް އޮތް ހަމައެކަނި ފުރުސަތަކީ ތިން ލަނޑުގެ ތަފާތަކުން އިންޑިއާ ބަލިކުރުމެވެ.








