ރާއްޖޭގެ އެކި ރަށްރަށުގައި ޢުމްރާނީ ތަރައްޤީގެ މުހިންމު 22 މަޝްރޫޢެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުތައް ކުރިއަށްގެންދާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދުތަކާއި އޮފީސް އިމާރާތް އެޅުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަގުހެދުމުގެ މަޝްރޫޢުތައް:
- އދ. ހަންޏާމީދޫ: 1.57 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (450 ދުވަސް).
- ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (540 ދުވަސް).
- ކ. މާފުށި: 2.29 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (780 ދުވަސް).
- ނ. މާޅެންދޫ: 2.075 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (630 ދުވަސް).
- ރ. އަނގޮޅިތީމު: 3.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (720 ދުވަސް).
- ރ. ވާދޫ: 2.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (630 ދުވަސް).
- ށ. ކޮމަންޑޫ: 2.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (450 ދުވަސް).
- ތ. ވަންދޫ: 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (720 ދުވަސް).
ގޮނޑުދޮށް ޙިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން:
- އއ. މާޅޮސް: މޫދަށް އެރޭ ސަރަޙައްދު ފުންކުރުމާއި، ވެލިން ގޮނޑުދޮށް މުއްސަނދިކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިންސް އަދި އިރުމަތީ ފަރާތުގައި ރިވެޓްމަންޓް ޖެހުން (360 ދުވަސް).
- ހއ. ތުރާކުނު: ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިން އަދި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން (360 ދުވަސް).
- ހދ. ނައިވާދޫ: ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުން އަދި ވެލިން ގޮނޑުދޮށް މުއްސަނދިކުރުން (90 ދުވަސް).
- ހއ. ވަށަފަރު: ރިވެޓްމަންޓް، ބޭރުތޮށި އަދި ގްރޮއިން ޖެހުން (360 ދުވަސް).
- ނ. މިލަދޫ: ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުން (450 ދުވަސް).
- ރ. ފައިނު: މޫދަށް އެރޭ ސަރަޙައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އެޅުމާއި، ވެލި އެޅުމުގެ އިތުރުން ގްރޮއިން ޖެހުން (150 ދުވަސް).
ބަނދަރު އަޕްގްރޭޑްކުރުމާއި ތަރައްޤީކުރުމުގެ މަޝްރޫޢުތައް:
- ކ. ތުލުސްދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (360 ދުވަސް).
- ނ. ހޮޅުމީދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (360 ދުވަސް).
- ތ. ކަނޑޫދޫ: މިހާރުގެ ބަނދަރާއި ނެރު ފުންކުރުން، އުތުރު ފަރާތުގެ ނެރު ފުންކުރުން އަދި ދެކުނު ފަރާތުގެ ނެރުފައިކަށި ދިގުކުރުން (360 ދުވަސް).
- ގއ. ކަނޑުހުޅުދޫ: ބައު ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުން، އެއްގަމުތޮށި، މޫރިންގ ބޯއީ، ބްރިޖް، ޑިންގީ ޖެޓީ، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ނެރުފައިކަށި، ރިވެޓްމަންޓް އަދި ބައްތި ހަރުކުރުން (480 ދުވަސް).
- ގއ. ނިލަންދޫ: ބައު ބަނދަރާއި ނެރު އަދި އައު ބަނދަރު ފުންކުރުން، ސޭންޑްފިލް، ސަބްމާޖްޑް ބްރޭކްވޯޓާ، ރިވެޓްމަންޓާއި ގްރޮއިން ޖެހުން، އެއްގަމުތޮށި، ރޭމްޕާއި ބްރިޖް، ޑިންގީ ޖެޓީ އަދި ބައްތި ހަރުކުރުން (720 ދުވަސް).
- ތ. ވިލުފުށި: ބަނދަރާއި ނެރު ފުންކުރުން، އުތުރު ފަރާތް ބެކްފިލްކުރުން، އެއްގަމުތޮށި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ސޭންޑްފިލްޑް ރިވެޓްމަންޓް، މޫރިންގ ބޯއީސް، ރޭމްޕާއި ބްރިޖް، ގްރޮއިންސް އަދި ބައްތި ހަރުކުރުން (600 ދުވަސް).
ހދ. ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަޙައްދެއް ހެދުން: މި މަޝްރޫޢުގެ ދަށުން އޮޑިދޯނިފަހަރު އެހެލާ ސަރަޙައްދަކާއި މޫދަށް އެރޭ ސަރަޙައްދެއް ހަދައި، އެ ދެ ސަރަޙައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ ޤާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ޏ. ފުވައްމުލަކުގައި އޮފިސް ކޮމްޕްލެކްސް ބިނާކުރުން: ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ޚާއްޞަކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން 9 ފަންގިފިލާގެ ޒަމާނީ އޮފިސް ޢިމާރާތަކާއި، ވިޔަފާރި ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 900 ދުވަހުގެ މުއްދަތެކެވެ.