








-
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ، އިންޤިލާބީ އުމްރާނީ މަޝްރޫޢުތައް ރާއްޖެއަށް ގެނެސްދެއްވައި، އިޤްތިޞާދީ ގޮތުން ދިވެހި ޤައުމު މުޅިން އައު ހަރުފަތަކަށް ގެންގޮސްދެއްވި ޒަޢީމަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
އެމަނިކުފާނަކީ އިޤްތިޞާދީ މާހިރެއްގެ ގޮތުގައި ވިސްނުންތޫނު، ނިންމުންތައް ނިންމެވުމުގައި ހިތްވަރުގަދަ އަދި ޢަމަލީ ތަރައްޤީއަށް އިސްކަންަދެއްވި ހަރުދަނާ ވެރިއެކެވެ.
ރައީސް ޔާމީނަކީ އެމެރިކާއިން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގެން، ސަރުކާރުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ މުހިންމު ވުޒާރާތަކާއި އެސްޓީއޯ ފަދަ ކުންފުނިތައް ހިންގެވުމުގައި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން، އެތައް ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވިއެވެ.
2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ވާދަވެރި އަދި ގޮންޖެހުން ބޮޑުވި އެއް އިންތިޚާބެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގަތީ %25.35 ވޯޓެވެ. ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީ ހިމެނޭހެން އުފެއްދި ވަރުގަދަ ކޯލީޝަނާއެކު، އޭރުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި %51.39 ވޯޓު ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
17 ނޮވެމްބަރު 2013 ގައި ދިވެހިރާއްޖޭގެ 6 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ އެމަނިކުފާނު ކުރެއްވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހޯއްދެވި އެންމެ ފާހަގަކޮށްލެވޭ އަދި ތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު ރަންއަކުރުން ލިޔެވިގެންދިޔަ ކާމިޔާބީއަކީ ރާއްޖެއަކީ ބޮޑެތި ބިޔަ މަޝްރޫޢުތައް (މެގަ-ޕްރޮޖެކްޓްސް) ހިންގިދާނެ ޤައުމެއްކަން ޢަމަލީގޮތުން ދައްކަވައި، އިޤްތިޞާދީ އުމްރާނީ އިންޤިލާބެއް ގެނެސްދެއްވުމެވެ.
އެތައް ޒަމާނެއް ވަންދެން ހަމައެކަނި ހުވަފެނެއްގެ ގޮތުގައި އޮތް ބިޔަ އުމްރާނީ މަޝްރޫޢުތައް ޙަޤީޤަތަކަށް ހެއްދެވުމުގެ އިތުރުން، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވައި، ބޭރުގެ ބޮޑެތި ލޯނުތަކާއި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ ޤާބިލުކަން އެމަނިކުފާނު ސާބިތުކޮށްދެއްވިއެވެ.
ރައީސް ޔާމީންގެ 5 އަހަރުގެ ދައުރަކީ ރާއްޖޭގެ ސިފަ މުޅިން ބަދަލުކޮށްލި ބިޔަ މަޝްރޫޢުތަކެއްގެ ދައުރެކެވެ. އެންމެ ފާހަގަކޮށްލެވެނީ ސިނަމާލެ ބްރިޖުގެ މަސައްކަތެވެ. މާލެއާއި ހުޅުލެ ގުޅުވާލަދިން ބިޔަ ބްރިޖަކީ ދިވެހި ތާރީޚުގައި ހިންގުނު އެންމެ އުނދަގޫ އަދި އެންމެ ފާހަގަކޮށްލެވޭ އިންޖިނިއަރިންގ މަސައްކަތެވެ. މި ބްރިޖުގެ ސަބަބުން ދަތުރުފަތުރަށާއި އިޤްތިޞާދަށް އިންޤިލާބީ ބޮޑު ލުޔެއް ލިބިގެންދިޔައެވެ.
މީގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކޮށް، ޒުވާނުންނާއި ޢާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހި އެއްކޮށް ހިއްކަވައި، 16 ބުރީގެ 25 ޓަވަރު އެޅުމުގެ "ހިޔާ މަޝްރޫޢު" ފެއްޓެވިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ ހިންގުނު އެންމެ ބޮޑު ސޯޝަލް ހައުސިންގ މަޝްރޫޢެވެ.ހަމައެއާއިއެކު އޭ380 ފަދަ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭނެ އައު ކޯޑް-އެފް ރަންވޭއެއް އެޅުއްވުމާއި، ބިޔަ އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތާއި، ފިއުލް ފާމާއި ސީޕްލޭން ޓާމިނަލް ބިނާކުރުމުގެ ބިޔަ މަޝްރޫޢު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފެއްޓެވީވެސް ޔާމީނުގެ ވެރިކަމުގައި އެވެ.
މާލޭގައި 25 ބުރީގެ އައު ޒަމާނީ ހޮސްޕިޓަލް އިމާރާތް (ދަރުމަވަންތަ ހޮސްޕިޓަލް) ބިނާކުރައްވައި، ރާއްޖެއިން ބޭރަށް ނުގޮސް ޒަމާނީ ފެންވަރުގެ ޓަރޝަރީ ފަރުވާ ރާއްޖޭގައި ދެވޭނެ އިންތިޒާމާއި ސަޢޫދީ ރަސްގެފާނުގެ އެހީތެރިކަމާއެކު މާލޭގައި އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޒަމާނީ އިސްލާމީ މަރުކަޒާއި މިސްކިތް ކަމަށްވާ ކިންގ ސަލްމާން މިސްކިތަކީ ރައީސް ޔާމީނުގެ މާލިމީ ކަމުގައި ފެއްޓެވި ބިޔަ މަޝްރޫއުތަކެވެ.
ރައީސް ޔާމީންގެ ވެރިކަމަކީ އުމްރާނީ ގޮތުން ރާއްޖެ ދުށް އެންމެ ބާރުމިނުގެ ތަރައްޤީ ފެނިގެންދިޔަ ދައުރު ކަމުގައި ވިޔަސް، އެމަނިކުފާނުގެ ވެރިކަން ފާހަގަކުރެވުނީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކާއި ފިއްތުންތައް ހިނގައިދިޔަ ދައުރެއްގެ ގޮތުގައެވެ: އެގޮތުން ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ޤާސިމް އިބްރާހީމް އަދި ޝައިޚް ޢިމްރާން ޢަބްދުﷲ ފަދަ ސިޔާސީ އިސް ލީޑަރުންނާއި ފަނޑިޔާރުން އެކި ކުށްތަކުގައި ޔާމީނުގެ ވެރިކަމުގައި ޖަލަށްލެވުނެވެ.
އަދި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރެވުނެވެ.
ދަޢުލަތުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު މާލީ ޚިޔާނާތް (ފަތުރުވެރިކަމަށް ފަޅުތަކާއި ފަޅުރަށްތައް ދޫކޮށްގެން ލިބުނު ފައިސާގެ ޚިޔާނާތް) ފަޅާއަރައި، އެކަމުގެ ސިޔާސީ އަދި ޤާނޫނީ ތުހުމަތުތައް ސަރުކާރުގެ އިސްވެރިންނަށް ކުރިމަތިވިއެވެ. އޭރުގެ އިދިކޮޅުން މިކަމުގެ ތުހުމަތު އެންމެ ބޮޑަށްކުރީ ދައުލަތް ހިންގުމާއި ހަވާލުވެ ހުންނެވި ރަައީސް ޔާމީނަށެވެ.
ޔާމީންގެ ވެރިކަމުގައި ހުޅަނގުގެ ޤައުމުތަކާއި އިންޑިއާއާ އޮތް ގުޅުން ހީނަރުވެ، ޗައިނާއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވިއެވެ. މިގޮތުން ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވްގައި ބައިވެރިވެ، ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއްގައި ސޮއިކުރެއްވިއެވެ. މިކަން ވެގެންދިޔައީ ސަރަހައްދީ ގޮތުން ބޮޑު ނުތަވަސްކަން އުފެދިގެން ދިޔަ ކަމަށެވެ.
2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ނުކުތް ކޯލީޝަންގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ރައީސް ޔާމީނަށް ނާކާމިޔާބުވިއެވެ. އެއަށްފަހު 17 ނޮވެމްބަރު 2018 ގައި އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވިއެވެ.
ވެރިކަމަށްފަހު އެމަނިކުފާނުގެ މައްޗަށް މާލީ އެކި ތުހުމަތުތަކުގައި ދަޢުވާ އުފުލި، ޖަލު ޙުކުމްތަކެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ފަހުން މަތީ ކޯޓުތަކުން އެ ޙުކުމްތައް ވަނީ ބާޠިލުކޮށްފައެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ސިޔާސީ ގޮތުން ހަރުކަށި، އަދި އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ބޭފުޅެއް ނަމަވެސް، އެމަނިކުފާނު ގެނެސްދެއްވި ސިނަމާލެ ބްރިޖާއި، ހުޅުމާލެ ފޭސް 2 އަދި އެއަރޕޯޓްގެ ބިޔަ އުމްރާނީ ތަރައްޤީއަކީ މިއަދުވެސް މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދާއި ދިރިއުޅުމުގެ މައިނާރަށް ވެފައިވާ، ދިވެހި ތާރީޚުން ފޮހެވިގެންނުދާނެ ބޮޑެތި ޚިދުމަތްތަކެކެވެ.








