








-
ދިވެހިރާއްޖޭގައި ވިދިވިދިގެން 30 އަހަރު ވަންދެން ދެމިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވި ފުރަތަމަ މިނިވަން، އިންސާފުވެރި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެންނެވި ލީޑަރަކީ މުޙައްމަދު ނަޝީދު (އަންނި) އެވެ.
އެމަނިކުފާނަކީ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ގެނައުމުގައި އެންމެ އިސް ސަފުގައި މަސައްކަތްޕުޅު ކުރެއްވި ސިޔާސީ އެކްޓިވިސްޓެއް، ނޫސްވެރިއެއް، އަދި ދުނިޔޭގެ މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކުރެއްވި ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތެކެވެ.
މުޙައްމަދު ނަޝީދުގެ ސިޔާސީ ޙަޔާތްޕުޅު ފެށިގެން އައީ 1990 ގެ އަހަރުތަކުގައި ނޫސްވެރިކަމާއި ސިޔާސީ އިޞްލާޙީ ޙަރަކާތްތަކުގެ ތެރެއިންނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރެއްވުމުގެ ސަބަބުން، ކުރީގެ ސަރުކާރުން އެމަނިކުފާނު އެތައް ފަހަރަކު ޖަލަށްލައި، އަރުވާލައި، ބޮޑެތި އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
ފަހުން ސްރީލަންކާއަށާއި އިނގިރޭސިވިލާތަށް ވަޑައިގެން، ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނަވައި، ރާއްޖޭގެ އެންމެ ފުރަތަމަ އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފަންކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވިއެވެ. ރާއްޖޭގައި އިޞްލާޙީ ބަދަލުތަކަށް މަގުފަހިވެ، ސިޔާސީ ޕާޓީތަކަށް ޖާގަ ލިބުމުން އެނބުރި ރާއްޖެ ވަޑައިގެން އެމްޑީޕީގެ ޙަރަކާތްތައް ވަރުގަދަކުރެއްވިއެވެ.
2008 ވަނަ އަހަރު އައު ފެހި ޤާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ މަލްޓި-ޕާޓީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައި ނަޝީދު ވަނީ ފުރަތަމަ ބުރުން %25 ވޯޓު ހޯއްދަވާފައި އެވެ. ދެވަނަ ބުރުގައި އިދިކޮޅު އެހެން ހުރިހާ ޕާޓީތައް ގުޅިގެން އުފެއްދި "ވަޠަން އެދޭ" އިއްތިހާދާއެކު %54 ވޯޓު ހޯއްދަވައި، ރައީސް މައުމޫން ޒަމާންވީ 30 އަހަރުގެ ވެރިކަން ބަލިކުރެއްވިއެވެ.
މިއާއިއެކު 11 ނޮވެމްބަރު 2008 ގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ގޮތުން އިންތިޚާބުވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މަޤާމުގެ ހުވާކުރެއްވީ ނަޝީދުއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހޯއްދެވި އެންމެ ފާހަގަކޮށްލެވޭ އަދި ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ކާމިޔާބީއަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ އިންޤިލާބީ ބިންގާ އެޅުއްވުމާއި، ތިމާވެށީގެ މައިދާނުގައި ރާއްޖެ ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމެވެ. އެގޮތުން މަދަނަ ނަމަުގައި ފުރަތަމަ ފަހަރަށް ދަޢުލަތުން ބައިވެރިވެގެން ދިވެހި ކޮންމެ ރައްޔިތަކަށް ޞިއްޙީ އިންޝުއަރެންސް ނިޒާމެއް ތަޢާރަފުކޮށް، ފަހުން އައި އާސަންދަ ނިޒާމަށް ބިންގާ އަޅުއްވައިދެއްވީ ނަޝީދުއެވެ.
ހަމައެއާއިއެކު އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދޭން ފެއްޓެވިއެވެ. މިއީ ރާއްޖޭގެ އިޖުތިމާޢީ ޙާލަތަށް އައި ވަރަށް ބޮޑު ހެޔޮ ބަދަލެއްގެ ގޮތުގައި އަދިވެސް ގިނަ ބަޔަކު ދެކެެއެވެ.
މީގެ އިތުރުން އެމަނިވެރި މައިންނާއި ޚާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށްވެސް ސީދާ ސަރުކާރުގެ ބަޖެޓުން އެލަވަންސް ހަމަޖައްސަވައި މުޖުތަމަޢުގައި ބާކީވެފައި ތިބި ނިކަމެތި ފަރާތްތަކަށް އެހީވުމުގެ ސިޔާސަތު ޤާއިމުކުރެއްވީވެސް ރައީސް ނަޝީދު އެވެ.
ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން، ސިފައިންގެ ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ގިރިފުށީ ކައިރީ ކަނޑުއަޑީގައި ރައީސް ނަޝީދު ބޭއްވެވި ތާރީޚީ ކެބިނެޓް ބައްދަލުވުމަކީ މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދިޔަ އަދި އެމަނިކުފާނަށް "ކްލައިމެޓް ހީރޯ" އެއްގެ ލަޤަބު ލިބުނު ކާމިޔާބީއެކެވެ.
ޚާއްސަ ބިޔަ ބޮޑެު މެނިފެސްޓޯ އަކާއިއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު ގެ ވެރިކަން ޚާއްަސަގޮތެއްގައި ބިނާވެފައި އޮތީ "5 ވަޢުދު" ގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތަކަކީ ދަތުރުފަތުރުގެ ނިޒާމުން ގުޅިފައިވާ ރަށްތަކަކަށް ހެދުމަށްޓަކައި ރަށްރަށުގެ މެދުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އަތޮޅު ފެރީ ނިޒާމު ނަޝީދު ތައާރަފްކުރެއްވި އެވެ. މީގެ އިތުރުން ޤާނޫނުއަސާސީގެ ދަށުން ލާމަރުކަޒީ ޤާނޫނު ތަންފީޒުކޮށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރާ ރަށު ކައުންސިލްތަކާއި އަތޮޅު އަދި ސިޓީ ކައުންސިލްތައް އުފައްދަވައި ބާރުތައް ރައްޔިތުންނަށް ދެއްވީވެސް ރައީސް ނަޝީދުއެވެ.
ހަމައެއާއިއެކު މާލެއާއި އަތޮޅުތަކުގައި ފުރަތަމަ ފަހަރަށް ސޯޝަލް ހައުސިންގ ފްލެޓްތައް އެޅުމުގެ ބިޔަ މަޝްރޫޢުތައް އެމަނިކުފާނު ފެއްޓެވިއެވެ. ރައީސް ނަޝީދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަލާއިރު ހުޅުމާލޭގައި ހިންގެވި ފްލެޓު މަޝްރޫއުއާއި ސިނަމާލެ އަދި މާލޭގެ ބައެއް ބިންތަކުގައި ހިންގެވި މަޝްރޫއުތައް ހިމެނެއެވެ.
ނަޝީދުގެ އެންމެ ބޮޑު ސިޔާސަތަކަށް އަބަދުވެސް ވެފައި އޮތީ ރައްޔިތު މީހާގެ ޖީބަށް ސީދާ އާމްދަނީ ވެއްދުމެވެ. އެގޮތުން ލޯކަލް ޓޫރިޒަމްއަކީ ނަޝީދު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ރިސޯޓުތަކަށް އެކަނި ހަނިވެފައި އޮތް ފަތުރުވެރިކަން މީހުން ދިރިއުޅޭ ރަށްރަށަށް ފުޅާކުރުމުގެ ހުއްދަ ދެއްވައި، ގެސްޓްހައުސް ވިޔަފާރި ތަޢާރަފުކޮށްފައެވެ. މިއަދު ރަށްރަށުގެ އިޤްތިޞާދަށް ލިބޭ އެންމެ ބޮޑު އާމްދަނީއަކީ މި ސިޔާސަތުގެ ނަތީޖާއެވެ. ވަކީން ޚާއްސަކޮށް ކ މާފުއްޓަކީ ނަޝީދުގެ އެސިޔާސަތުގެ އެންމެ ފުރިހަމަ އެއް މިސާލެވެ.
ރައީސް ނަޝީދުގެ ވެރިކަމަކީ މިނިވަންކަމާއި އިޞްލާޙީ ފިޔަވަޅުތަކެއް ފެނިގެންދިޔަ ނަމަވެސް، އިންތިހާއަށް ސިޔާސީ ހަލަބޮލިކަން ބޮޑުވި ދައުރެކެވެ. ވެރިކަން ހިންގާ އިއްތިހާދު (ކޯލީޝަން) ކުރު މުއްދަތެއްގެ ތެރޭގައި ރޫޅިގެންދިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް އޮތުމުގެ ސަބަބުން ސަރުކާރު ހިންގުމުގައި ގޮންޖެހުންތައް ކުރިމަތިވިއެވެ. 2010 ވަނަ އަހަރު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެއްފަހަރާ އިސްތިޢުފާ ދެއްވީވެސް ނަޝީދުގެ ވެރިކަމުގައެވެ.
ވެރިކަމުގެ އެންމެ ފަހު މަރުޙަލާގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ޤާޟީ) ސިފައިން މެދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ 22 ދުވަހުގެ މެދުކެނޑުމެއްނެތް ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. މި މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ބަޔަކު ނަޝީދުގެ ސިޔާސަތުތަކާއި ދެކޮޅަށް ނުކުމެ ހިންގި ހަމަނުޖެހުންތަކަށްފަހު، 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު އިސްތިޢުފާ ދެއްވިއެވެ.
އިސްތިޢުފާއަށްފަހު އެމަނިކުފާނު ވިދާޅުވީ އެއީ "ބަޣާވާތަކުން މަޖުބޫރުކޮށްގެން" ކުރުވި އިސްތިޢުފާއެއް ކަމަށެވެ. އަދި އޭގެފަހުން ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
މުޙައްމަދު ނަޝީދުގެ ވެރިކަމަކީ (2008-2012) ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ތަފާތު އެއް ދައުރެވެ. އެމަނިކުފާނަކީ ރައްޔިތުންނާ ގާތުން، ސާދާކޮށް ވެރިކަން ކުރެއްވި، އަދި އިޖުތިމާޢީ ރައްކާތެރިކަމާއި ލޯކަލް ޓޫރިޒަމް ފަދަ އިންޤިލާބީ ބަދަލުތަކުން ޤައުމުގެ އިޤްތިޞާދީ އޮނިގަނޑު އަލުން ބައްޓަންކުރެއްވި ލީޑަރެކެވެ.
ހަމައެއާއެކު، ޝަރުޢީ ދާއިރާއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި ސިޔާސީ ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން، ރިޔާސީ ފުރަތަމަ ދައުރު ފުރިހަމަނުކުރައްވައި މަޤާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތް ނަމަވެސް، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ދަތުރުގައި ދުވަހަކުވެސް ފޮހެވިގެންނުދާނެ ވަރުގަދަ ނަންފުޅެކެވެ.








